ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޕަންޖާބުގައި ދިވެހިން ތާށިވެ ހާސްވެފައި!

Apr 13, 2020
9

ކޮވިޑް-19 އާ ގުޅޭ އިންޑިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންނާއި އެ ގައުމުގެ ތަޖުރިބާކާރުން ލަފާ ކުރައްވާ ގޮތުގައި ކޮރޯނާ ވައިރަސް ކުރިއަށް އޮތް ތަނުގައި އިންްޑިއާގައި ފެތުރޭ މިންވަރު އިތުރުވެގެން ދާނެ އެވެ. މިހާރު ވެސް ފުލް ލޮކްޑައުންގައި އޮތް އިންޑިއާއިން ކޮވިޑް-19 ބަލި ފެންނަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެކަމާ ގުޅިގެން 21 ދުވަހަށް ފުރަތަމަ އިއުލާން ކުރި ލޮކްޑައުން މިހާރު ވަނީ މި މަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.

އިންޑިއާގެ މި ލޮކްޑައުންއާ ގުޅިގެން އެންމެ ބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއް މެދުވެރިވެފައިވަނީ ޕަންޖާބު ސްޓޭޓްގައި ތިބި ދިވެހިންނަށެވެ. އެ ސްޓޭޓްގައި ގާތްގަނޑަކަށް 35 ދިވެހިން އުޅެމުންދާއިރު އޭގެ ތެރޭގައި ގިނައީ ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވަން ގޮސް ތިބި މީހުންނެވެ. އެގޮތުން ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ (އެލްޕީޔޫ) ހައި ކިޔަމުންދާ އަށް ދަރިވަރަކާއި ފުލުހުންގެ ސްކޮލަޝިޕްގައި ގޮސް ތިބި 11 ދަރިވަރަކު، އާއިލާއާއެކު އެ ސްޓޭޓްގެ ކުޑަ އަވަށެއް ކަމަށްވާ ޕަގްވާރާގައި އުޅެ އެވެ.

ޕަންޖާބަކީ ސިއްހީ ހިދުމަތް ވަރަށް ދަށް ސްޓޭޓެކެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ދެ ހޮސްޕިޓަލެއް ހުރި ނަމަވެސް ހާލަތު ވަރަށް ދަށެވެ. އަދި، ދިވެހިން ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ވެސް ދެވެނީ އެއް ގަޑިއިރުގެ ދަތުރަކަށްފަހު އެވެ. އެއީ ޖަލަންދަރު ސިޓީގެ ހޮސްޕިޓަލެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީ، މި ތަނުގައި އެބަ އުޅޭ އެކި އުމުރުގެ މީހުން، ބައްޔެއް ވާނީ ކޮން އިރަކުން ކަމެއް ނޭނގޭ، ކުޑަ ކުދިން އެބަ ތިބި، މާބަނޑު އަންހެނަކު ވެސް އެބަ އުޅޭ، ވަރަށް ފަހުން ސިޒޭރިއަން ހަދައިގެން ވިހޭ މީހަކު ވެސް އެބަ އުޅޭ، އެމީހުންނަށް ބޭނުންވާ ބޭސްތައް ވެސް ނުލިބޭ، ކުޑަ ކުދިންނަށް ބޭނުންވާ ސާމާނެއް ވެސް ނުލިބޭ،" ޕަންޖާބުގައި މި ވަގުތު ހުރި ދިވެއްސަކު އަވަސް އަށް މައުލޫމާތު ދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ޕަންޖާބު ސްޓޭޓް ލޮކްޑައުންގައި އޮތް ނަމަވެސް އެކަމަށް ގިނަ މީހުން ފަރުވާލެއް ނުބަހައްޓަ އެވެ. ބޭރުގައި ވެސް އެއްވެސް ހާސްކަމެއް ނެތި އުޅެ އެވެ. ލޮކްޑައުން ކުރުމުގެ ކުރިން، ދިވެހިން ތިބި އަވަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، އެތައް ބަޔަކާ ކޮންޓެކްޓްވުމުގެ ސަބަބުން ގިނަ ބަޔަކު ކަރަންޓީނު ކުރަން ވެސް ޖެހުނެވެ.


ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޕަންޖާބު ސްޓޭޓުން 170 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އަލާމާތްތައް ފެންނާތީ އާއި ކޮންޓެކްޓް ވެގެން 5000 އަށްވުރެ ގިނަ މީހުން އެ ސްޓޭޓުން ކަރަންޓީނު ކޮށްފައިވެ އެވެ.

މާހިރުން ލަފާ ކުރައްވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާއިން އެންމެ ގިނަ ކޮވިޑް-19 ކޭސްތައް ފެންނާނީ ޕަންޖާބު ސިޓީންނެވެ. ދިވެހި 18 ދަރިވަރަކު ކިޔަވަންދާ އެލްޕީޔޫ ޔުނިވާސިޓީގެ ހޮސްޓެލްގައި އުޅޭ ދަރިވަރަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަމާ ގުޅިގެން ޔުނިވާސިޓީ ވެސް ވަނީ ލޮކްޑައުން ކޮށްފަ އެވެ. ނަމަވެސް އެތާނގެ ހޮސްޓެލްގައި ދިވެއްސަކު ނޫޅެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޕަންޖާބުގެ ހާލަތު ގޯސްވަމުންދާތީ އެލްޕީޔޫ ޔުނިވާސިޓީ ވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް ބަންދު ކޮށްފަ އެވެ. އެހެންކަމުން ދިވެހި ދަރިވަރުންތަކެއް ޕަންޖާބުގައި މިހާރު ތިބުމުގެ އެއްވެސް ބޭނުމެއް ވެސް ނެތެވެ. ޕަންޖާބުގެ އެ އަވަށަކީ މަހުގެ ބާވަތްތައް ލިބޭ ސަރަހައްދެއް ވެސް ނޫނެވެ. ރޯދަ މަސް ކައިރިވެފައި އޮތްއިރު މަސް، އެއްވެސް ގޮތަކަށް ލިބޭކަށް ނެތެވެ.

ސިއްހީ ފެންވަރު ދަށް ސްޓޭޓްގައި ދިވެހިން ތާށިވެ ހާސްވެފައި ތިބިިއިރު ނަފްސާނީ ގޮތުން ވެސް ގިނަ އަސަރުތަކެއް ކުރަމުންދާ ކަމަށް ވެސް އޭގެ ތެރެއިން ބައެއް ދިވެހިން ބުންޏެވެ. އެކަކު ބުނި ގޮތުގައި ކޮންމެ ސެމިސްޓާއަކަށް ވެސް ވަކި ވަރަކަށް ފައިސާ ހަމަޖައްސާފައި ހުންނައިރު މިހާރު އެއްޗެހި ގަންނަން ވެސް ލިބެނީ ބޮޑު އަގުގަ އެވެ. އެހެންވެ، ފައިސާގެ ދަތިކަން ވެސް ލޯނު ނަގައިގެން ކިޔަވާ އެ މީހުނަށް ކުރިމަތިވެފައި ވެއެވެ.

"ދެ ސްޕަމާކެޓަކުން އެއްޗެހި ޑެލިވާކޮށްދޭ، ޑެލިވާކޮށް ދެނީ އަގު ބޮޑުކޮށް، ގިނަ ފަހަރަށް ގުޅެނީ ވެސް ވަރަށް އުނދަގުލުން، ޑެލިވަރީ ކުރާ އެއްޗެހި ލިބެނީ ވެސް ލަހުން، ނަމަވެސް އެނގޭ އެއީ މިހާލަތުގައި އެމީހުންނަށް ވެސް އެކަން ކުރެވޭނެ ގޮތްކަން، ނަމަވެސް މީގެ ސަބަބުން މާލީ ދަތިކަން އެބަ ކުރިމަތިވޭ، ކާ އެއްޗެހި ހޯދަން ދަތިވޭ، އަދި، ކުރިއަށް އޮތް ތަނުގައި ޑެލިވަރީގެ ހިދުމަތް ވެސް ނުލިބޭނެ ކަމަށް ބެލެވޭ، އެއީ ޕެޓްރޯލް ޝެޑްތައް ބަންދު ކުރާ ވާހަކަ ދެކެވެމުންދާތީ، އެހެންވެއްޖިއްޔާ ގޮތް ހުސްވާނެ،" އޭނާ ބުންޏެވެ.

އިންޑިއާ ލޮކްޑައުންއަށް ދިޔުމުގެ ކުރިން މި ކަންބޮޑުވުންތައް ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ހިއްސާކުރި ކަމަށް އެމީހުން ބުނެ އެވެ. ނަމަވެސް އެ މެއިލަށް ޖަވާބެއް ނުލިބެ އެވެ. އަދި ލޮކްޑައުންކުރި ފަހުން އެމްބަސީން ފޯކަލް ޕޮއިންޓެއް ހަދައި، ވާހަކަތަކެއް ދެކެވުނު މަވެސް އެންމެ ފަހަރަކު ވެސް އެމްބަސީން އިސްވެ ހާލު ބަލާފައިވާ ނުވާ ކަމަށް ވެސް ވެއެެވެ.


ޕަންޖާބުގައި ތިބި ދިވެހިންގެ ތެރެއިން މީހަކު ބުނި ގޮތުގައި އެ މީހުން އެމްބަސީގައި އެދުނީ ވީއެންމެ އަވަހަކަށް ރާއްޖެ ދެވޭނެ ގޮތެއް ހަދައިދޭށެވެ. އެކަން ކުރެވެން ނެތްނަމަ، ދިއްލީ ނުވަތަ އެހެން ވެސް ސަރަހައްދަކަށް ބަދަލުކޮށް ދިނުމަށެވެ. ޕަންޖާބު ހާލަތު ގޯހުން ގޯހަށްދާއިރު އެތަނުގައި ތާށިވެގެން ތިބުމަށްވުރެ އެއަށްވުރެ ރަނގަޅު ސަރަހައްދަކަށް ބަދަލުވުމަކީ އެންމެން ވެސް ބޭނުންވާ ގޮތް ކަމަށް އޭނާ ބުންޏެވެ. އެކަމަށް އެއްވެސް ޖަވާބެއް ލިބިފައެއް ނެތެވެ.

އޭގެ ތެރެއިން މީހަކު ބުނި ގޮތުގައި އެމްބަސީގެ އެކްޓިން ހައިކޮމިޝަނަރާ ވެސް މިހާރު ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އަދި ރައީސް އޮފީހަށާއި ހައި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އެކަން ވަނީ އަންގާފަ އެވެ.

"އަޅުގަނޑުމެން މިވަގުތު މިތިބި ހާލަތުގައި އެއީ ޖަވާބެއް ނޫން، ހާލަތު އިތުރަށް ބަލާނެ ތަނެއް ނެތް، އަޅުގަނޑުމެން މިތަނުން ނުކުމެވޭނެ އިންތިޒާމް އަވަސްކޮށް ދޭން ޖެހޭ، އިންޑިއާއާ ގާތް ގުޅުމެއް އެބައޮތް، ސްޓޭޓް ބޯޑަރުތަކުގައި ވެސް ހިފެހެއްޓުމެއް ނެތްކަން ވަނީ އެނގިފަ،" ދަރިވަރު ބުންޏެވެ.

ސަރުކާރުން ވަނީ އިންޑިއާގެ ކޮޗިން އާއި ޓްރެވެންޑްރަމަށް ރެސްކިއު ފްލައިޓްތަކެއް އަޅާފަ އެވެ. ނަމަވެސް މިހާތަނަށް ދިއްލީއަށް ފްލައިޓެއް އެޅިފައި ނުވަނީ ލޮކްޑައުންއާ ހެދި ހުރި އުނދަގޫތަކާ ހެދި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.