ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮއްދިއްޕަރުން އަލާމާތް ފެނުނު މީހަކު ޓްރީޓޮޕަށް

މާލެ އަތޮޅު ކޮށްދިއްޕަރު ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ ކިބައިން ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ބުނެފި އެވެ.

އެންއައިއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮށްދިއްޕަރު ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ ކިބައިން ކޮވިޑް19 ގެ އަލާމާތްތައް ފެނުމުން އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެމީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން އޭނާއަށް ފަރުވާ ދެމުން ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

މަބުރޫކް ވިދާޅުވީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ބަލި ހާލު ބޮޑުވުމުން ކަމަށެވެ. އަދި މިހާތަނަށް އޭނާގެ ގައިން ފުރަތަމަ ސާމްޕަލް ނަގާ ޓެސްޓްގެ ނަތީޖާ ލިބިފައިވާ ކަމަށާ ނަތީޖާ ނެގެޓިވް ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލާނީ ދެވަނަ ސާމްޕަލެއް ނެގުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ފުރިހަމަ ކުރަންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

މަބުރޫކް ވިދާޅުވީ އޭނާގެ ކިބައިން އަލާމާތްތައް ފެނަން ފެށުމުން އޭނާއާ ކޮންޓެކްޓްވި މީހުން އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންވެސް ދޫކޮށްލާނީ ދެވަނަ ނަތީޖާ ލިބުމުން ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައިވަނީ ދެ ރިސޯޓާ، ސަފާރީއެކެވެ. އެއީ ރާއްޖެއިން ފުރިފަހުން ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީ މީހާ އުޅުނު ދެ ރިސޯޓް ކަމަށްވާ ޖޯލި މޯލްޑިވްސް އަދި ބޮޑުފުށި ރިސޯޓެވެ. މީގެ އިތުރުން މޯލްޑިވިއާނާ ސަފާރީއެވެ.

މީގެ ކުރިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައިލެންޑް ސަފާރީއާ، ސެޗަން ކޮރަލް މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.