މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު ލިބުނު އާމްދަނީ 26.9 ޕަސަންޓު ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު ލިބިފައި ވަނީ 1.11 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 26.9 ޕަސަންޓު ދަށް އަދަދެއް ކަމަށާއި އަދި މި އަހަރު މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 20.3 ޕަސަންޓު ދަށް އަދަދެއް ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ މަހުގެ އާމްދަނީ ދަށްވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކްސްގެ ސުންގަޑިތައް ލަސްވުމުގެ ސަބަބުން ކަމަށް މީރާއިން ބުންޏެވެ. އަދި މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މި އަހަރު ފެބުރުވަރީގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 11.1 ޕަސަންޓު ދަށްވެފައިވުން ކަމަށް ވެސް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ މިދިޔަ މަހު ދައުލަތަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށާއި އެއީ 57.3 ޕަސަންޓު ނުވަތަ 637.67 މިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުން ކަމަށާއި އެގޮތުން 11.8 ޕަސަންޓު ނުވަތަ 131.64 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.
މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 74.04 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 128.68 މިލިއަން ރުފިޔާ ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އާމްދަނީ ދަށްވި ސަބަބަކީ މިދިޔަ މަހު ފަތުރުވެރިން އައުން މަދުވުން ކަމަށް މީރާ އިން ބުނެފައިވާއިރު މި މަހު ސަރުކާރުން ވަނީ އޮން އެރައިވަލް ހުއްޓާލައިފަ އެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތީ އެއްކޮށް ހުއްޓިފަ އެވެ. އަދި ރިސޯޓުތަކުގައި ބަހައްޓަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީންކޮށްފަ އެވެ.
ފަތުރުވެރިކަަމުގެ ދާއިރާއަށް ކުރާ އަސަރުގެ ސަބަބުން އާމްދަނީ ދަށްވެ، މި ސަރަހައްދުން އެންމެ ގެއްލުންވާނެ ގައުމަކީ ރާއްޖެ ކަމަށް ވޯލްޑް ބެންކުން ވެސް ވަނީ ލަފާކޮށްފަ އެވެ.