މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދައުލަތުގެ އާމްދަނީ 11.5 ޕަސެންޓް ހީނަރު ވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނެފި އެވެ.
މީރާ އިން އާއްމު ކުރި މި އަހަރުގެ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ ހިސާބުތައް ދައްކާ ގޮތުގައި އެ ކްއާޓަރު ނިމުނުއިރު ދައުލަތަށް ލިބިފައިވަނީ 4.35 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާނަމަ 11.5 ޕަސެންޓްގެ ދަށްވުމެކެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު ރިސޯޓް ކުއްޔާއި ޓީޖީއެސްޓީ އަދި ޖީއެސްޓީގެ އިތުރުން ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރުމުގެ ފީ އާއި ރޯޔަލްޓީ އަދި ވިތުހޯލްޑިން ޓެކްސްގެ އިތުރުން ރެސިޑެންސް ޕާމިޓްގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު ވަނީ ދަށްވެފަ އެވެ. މި މުއްދަތުގައި އިތުރުވެފައި ވަނީ ބީޕީޓީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީގެ ފީގެ އިތުރުން އެއާޕޯޓް ޑިވްލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ބަލައިގަތް ފައިސާ އެވެ.
މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސްގެ ގޮތުގައި ބަލައިގަނެފައި ވަނީ 3.65 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 6.3 ޕަސެންޓް ދަށްވުމެކެވެ. އަދި ޓެކްސް ނޫން އެހެން ގޮތް ގޮތުން ލިބިފައިވަނީ 700 މިލިއަން ރުފިޔާ އެވެ. މިބައި ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 31.1 ޕަސެންޓް ދަށްވެފަ އެވެ.
ފުރަތަމަ ކްއާޓަރުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ގިނައިން ލިބުނު ފަސް އާމްދަނީ ދައުލަތުގެ އާމްދަނީގެ 85 ޕަސެންޓް ހިއްސާ ކުރެ އެވެ.
ޖީއެސްޓީން މި އަހަރު ދެ ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީން މި އަހަރު 1.13 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. ގްރީން ޓެކުހުން މި އަހަރު 236 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައި ވަނީ 241 މިލިއަން ރުފިޔާ އެވެ. އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން މި އަހަރު 200 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 196 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 199.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 195 މިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ފީގެ ގޮތުގައި މި އަހަރު 511 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ލިބުނީ 864 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކްއާޓަރުގެ އެންމެ ގިނަ ފަސް އާމްދަނީ
- ޖީއެސްޓީ: ދެ ބިލިއަން
- ބީޕީޓީ: 1.13 ބިލިއަން
- ގްރީން ޓެކްސް: 236 މިލިއަން
- އެއާޕޯޓް ޑިވްލޮޕްމަންޓް ފީ: 200 މިލިއަން
- އެއާޕޯޓް ޑިވްލޮޕްމަންޓް ސާވިސް ޗާޖު: 199 މިލިއަން
މި ކްއާޓަރުގައި މީރާ އަށް ބަލައިގަތް އާމްދަނީގެ 60 ޕަސެންޓް ދައްކާފައިވަނީ އެމެރިކާ ޑޮލަރުންނެވެ. އަދި 39.9 ޕަސެންޓް ބަލައިގަތީ ދިވެހި ރުފިޔާ އިންނެވެ. އެމެރިކާ ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދު ވަނީ 12.1 ޕަސެންޓް ދަށްވެފަ އެވެ. އެމެރިކާ ޑޮލަރުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ބަލައިގަނެފައި ވަނީ 170 މިލިއަން ޑޮލަރެވެ.