މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަރް ދައުލަތުގެ އާމްދަނީ 37 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ޓެކްސް އާއި ފީ އަދި ޖޫރިމަނާގެ ފައިސާ އިން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ބަލައި ގަންނަ މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ބަލައިގެންފައި ވަނީ 10.5 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 16 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 37 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 4.31 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އެއީ 18.0 ޕަސެންޓެވެ. މި ޓެކުހުގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ބީޕީޓީގެ ގޮތުގައި 1.77 ބިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 702.78 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކުހުގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގަތީ 1.04 ބިލިއަން ރުފިޔާ އެވެ. މިއީ ކުރީ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 34.1 ޕަސެންޓުގެ ދަށް އަދަދެކެވެ.މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސޯދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާ އިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.
މިިދިޔަ މަހު ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ އަހަރުގެ ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެކެވެ. މި ފީ ޑިސެންބަރު 2020 ގައި ލިބިފައެއް ނުވެ އެވެ.