ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޭހަށް އިންޑިއާގައި ތިބި 152 މީހަކު ގެންނަނީ

Apr 13, 2020

އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ތިބި 152 މީހަކު މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މޯލްޑިވިއަން ފްލައިޓެއްގައި މާދަމާ ރާއްޖެ ގެންނަނީ އިންޑިއާގެ ކޮޗިން އާއި ބެންގަލޫރަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންނެވެ.

މީގެކުރިން ވެސް އިންޑިއާގެ ކޮޗިންއިން ބަޔަކު ގެނެސްފައިވެ އެވެ. އަދި އިންޑިއާގެ ޓްރެވެންޑްރަމްއަށް ވެސް ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެހެން ތަންތަނުގައި ތިބި ދިވެހިން ވެސް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގައި ތިބި މީހުން ގެނައުމުގެ ފަހުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށެވެ.

މަބުރޫކު ވިދާޅުވީ ރާއްޖެއަށް އަންނަން ބޭނުންވާ އެންމެން ރާއްޖެ ގެނެސް ކަރަންޓީނު ކުރާނެ ބަޖެޓް ވެސް އެބަހުރި ކަމަށާއި ނަމަވެސް މީހުން ގެންނަން ބަލާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތަށް ބަލަން ޖެހެނީ އެތަންތަނަށް ޑޮކްޓަރުންނާއި ނަރުހުން ތިބެން ޖެހޭތީ އެވެ. މިވަގުތަށް ޑޮކްޓަރުންނާއި ނަރުހުން ތިބީ މިހާރު ހުރި ފެސިލިޓީތަކުގައި މަސައްކަތް ކުރާ މިންވަރަށް ކަމަށެވެ.

އެންމެންނަށް އެއްކޮށް ރާއްޖެ އާދެވޭނެ ގޮތެއް މިވަގުތަށް ހެދެން ނެތް ކަމަށާއި އެކަމުން އުދަނގޫވާނެކަން ވެސް އެނގޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ. ނަމަވެސް ފެސިލިޓީތައް ހުސްވާ މިންވަރަކުން ރާއްޖެއަށް މީހުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބުރޫކު ވިދާޅުވީ ރާއްޖެއިން ބޭރުގައި އަމިއްލައަށް އުޅެވޭނެ ގޮތް ހުރި މީހުން، އެއަށްވުރެ ހާލުގައި ތިބި މީހުން ދާން މަޑުކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންމެހެން އަންނަންޖެހޭ މީހުން ނޫނީ މިވަގުތު ރާއްޖެ އައުން މުހިންމު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ އެއާޕޯޓްތަކުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވީމަ ކަމަށެވެ.