ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މީހުން ގެންނަނީ ފެސިލިޓީތައް ހުސްވާ މިންވަރަކުން: މަބުރޫކު

Apr 13, 2020

ރާއްޖެއަށް މީހުން ގެނައުމުގައި ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރެއް ބަލަން ޖެހޭ ކަމަށާއި މީހުން ގެންނަނީ އެ އަދަދަށް ކަމަށް ސަރުކާރުން ބުނެފި އެވެ. ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހަށް ކަރަންޓީނު ކުރެ އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެކި ތަންތަނުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް އަންނަން 8000 އެއްހާ ދިވެހިން އެކި ތަންތަނުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

މަބުރޫކު ވިދާޅުވީ ރާއްޖެއަށް އަންނަން ބޭނުންވާ އެންމެން ރާއްޖެ ގެނެސް ކަރަންޓީނު ކުރާނެ ބަޖެޓް ވެސް އެބަހުރި ކަމަށާއި ނަމަވެސް މީހުން ގެންނަން ބަލާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. މިވަގުތު ރާއްޖޭގައި ހުރީ 1145 ކަރަންޓީނު ކޮޓަރި އެވެ.

އެހެންވެ އެ އަދަދަށްވުރެ މީހުން ގިނަ ނުވާ ގޮތަށް ނުކަތާ މިންވަރަށް މީހުން ނުގެނައުމަށް ބަލަން ޖެހެނީ އެތަންތަނަށް ޑޮކްޓަރުންނާއި ނަރުހުން ތިބެން ޖެހޭތީ ކަމަށް މަބުރޫކު ވިދާޅުވި އެވެ. މިވަގުތަށް ޑޮކްޓަރުންނާއި ނަރުހުން ތިބީ މިހާރު ހުރި ފެސިލިޓީތަކުގައި މަސައްކަތް ކުރާ މިންވަރަށް ކަމަށެވެ.

އެންމެންނަށް އެއްކޮށް ރާއްޖެ އާދެވޭނެ ގޮތެއް މިވަގުތަށް ހެދެން ނެތް ކަމަށާއި އެކަމުން އުދަނގޫވާނެކަން ވެސް އެނގޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ. ނަމަވެސް ފެސިލިޓީތައް ހުސްވާ މިންވަރަކުން ރާއްޖެއަށް މީހުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބުރޫކު ވިދާޅުވީ ރާއްޖެއިން ބޭރުގައި އަމިއްލައަށް އުޅެވޭނެ ގޮތް ހުރި މީހުން، އެއަށްވުރެ ހާލުގައި ތިބި މީހުން ދާން މަޑުކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންމެހެން އަންނަންޖެހޭ މީހުން ނޫނީ މިވަގުތު ރާއްޖެ އައުން މުހިންމު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ އެއާޕޯޓްތަކުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވީމަ ކަމަށެވެ.

ޑރ. ނަޒްލާ ވެސް ވިދާޅުވީ ފެސިލިޓީތަކުގައި ޖާގަ ނެތް މިންވަރަށް މީހުން ރާއްޖެ ގެނެވެން މިވަގުތު ނެތް ކަމަށެވެ. އެއީ ރާއްޖެއަށް އައި ބައެއް މީހުން ޕޮޒިޓިވްވެފައިވާތީ ރާއްޖެއިން ބޭރުން އަންނަ މީހުން ކޮންމެހެން ވެސް ކަރަންޓީނު ކުރަން ޖެހޭ ކަމަށެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި ސިއްހީ ހިދުމަތްތައް ދެވެން ޖެހޭ ކަމަށާއި ވަރަށް ބަލި މީހުން ވެސް ކަރަންޓީނު ކުރަން ޖެހޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެހެންކަމުން ހަމައެކަނި ރިސޯޓް ކޮޓަރިތަކެއް ލިބުނަސް ކަރަންޓީނު ނުކުރެވޭނެ ކަމަށާއި ސިއްހީ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތެރިން އެތަންތަނަށް ބޭނުންވާ ކަމަށެވެ.