ހަބަރު

ކުޑަކުދިންގެ ހިޔާގައި ބޮޑެތި މައްސަލަތަކެއް

ކުޑަކުދިންގެ ހިޔާގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ އެ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހާމަކޮށް ކޮމިޝަންގެ ރައީސް އާފިޔާ އަލީ ސޮއިކޮށް ނެރުއްވެވި ބަޔާނެއްގަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 10 އަދި 11 މި ދެދުވަހު އެ ކޮމިޝަންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ބެލި އިރު އެތަނުގެ އާންމު ސާފު ތާހިރުކަމާ، ތަނުގެ ސެކިއުރިޓީއާއި ހިންގުމާއި، ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަންކަން އިސްލާހު ކުރުމަކީ ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައިވާތީ، އެކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން ހާއްސަ ރިޕޯޓެއް އެ ކޮމިޝަނުން އެކުލާފައިވާ ކަމަށާ އެ ރިޕޯޓްގައި އެތާނގެ އާންމު ސާފުތާހިރުކަމާ، ތަނުގެ ސެކިއުރިޓީއާ، ތަނުގެ ހިންގުމާއި، ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ 34 ކަމެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.

މި ރިޕޯޓް ރައީސް ސޯލިހާ ވެސް ހިއްސާ ކޮށްފައިވާއިރު އެކަންކަން ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ ދައުލަތުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކުޑަކުދިން ޝާމިލްވާ މައްސަލަތަކުގައި އިދާރާތަކުން އަމަލު ކުރަމުންދާ ގަވާއިދުތަކާއި، އުސޫލުތައް ރިވިއު ކުރުމުގެ މަސައްކަތްވެސް ޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ދަނީ ދިރާސާ ކުރަމުންނެވެ.