އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލަ އެ އޮފީހުގެ ތިޖޫރީ ހަލާކު ކޮށްލައިގެން 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ "އިތުރު އެއްވެސް އަޕްޑޭޓެއް ވެސް" ނެތް ކަމަށެވެ. ނަމަވެސް މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ކުރިން ވެސް ބުނެފައިވާ ވާހަކަ އެކެވެ.
މިދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ރޭ ކުރި އެ ބޮޑު އެ ވައްކަމުގައި 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގުން ގެންދިޔަ އެވެ. މި ވައްކަން ކޮށްފައި ވަނީ ފަސް ތިޖޫރީއެއް ފަޅާލާއިގެން އެ ތިޖުރީތަކުގައި ހުރި ހުރިހާ ފައިސާ ވަގަށް ގެންގޮސްގެނެވެ. އެޕޯލޯގެ ތިޖޫރީތައް ހަލާކޮށްލުމުގެ "މިޝަން" ހިންގާފައި ވަނީ ފުއްކައްޓާއި ދަތް މަރުތެޔޮ ފަދަ އާލަތްތައް ބޭނުންކޮށް މަތާލައިގެނެވެ.
މި ބޮޑު ވައްކަންކުރި ވަގުތު އެ އޮފީހުގައި ހުރި ސީސީޓީވީ ކެމެރާތަކުގައި ހުރީ ކަރަންޓް ޓޭޕް އަޅައި ކެމެރާތަކުން ހުރީވެސް ކަރަންޓް ކަނޑާލާފަ އެވެ.