ދުނިޔެ

އެއާއޭޝިއާގެ ވެއްޓުނު ބޯޓުގެ ބްލެކްބޮކްސް ހިމެނޭ ބައި ފެނިއްޖެ

Jan 7, 2015

މިދިޔަ މަހު ފަހުކޮޅު ޖާވާ ކަނޑަށް ވެއްޓުނު އެއާއޭޝިއާ މަތިންބޯޓުގެ ފަހަތުކޮޅު ފެނިއްޖެ ކަމަށް، ބޯޓުގެ ބައިތަކާއި އެއިން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތްކުރާ ޓީމުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޑޮނީޝިއާ އިން ސިންގަޕޫރަށް 162 މީހުންނާ އެކު ދަނިކޮށް ވެއްޓުނު ބޯޓުގެ ފަހަތުކޮޅު ފެނިފައި ވާއިރު މިއީ ހާދިސާގެ ތަހުގީގަށް އެންމެ މުހިންމު ބްލެކްބޮކްސްތައް ހިމެނޭ ބައެވެ.

ބޯޓުގެ މި ބައި ހޯދާފައި ވަނީ މީހަކާ ނުލައި ކަނޑު އަޑިއަށް ފޮނުވާ އުޅަނދުތަކާއި ޑައިވަރުން ކުރި މަސައްކަތުންނެވެ. މިއީ ބޯޓު ވެއްޓުނު ފަހުން މިހާތަނަށް ފެނުނު ބޯޓުގެ އެންމެ މުހިންމު ބައެވެ. އެ ބައިތައް އަދި ކަނޑު އަޑިން ނުނެގެ އެވެ.

"ހޯދުމަށް އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ބަލައިގެން އުޅުނު ބޯޓުގެ ފަހަތުކޮޅު ފެނިއްޖެ،" ބަމްބަންގް ސޮއެލިސްޓިޔޯ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

ބްލެކްބޮކްސް އަކީ މަތިންދާބޯޓު ދަތުރުކޮށްފައިވާ ގޮތާއި ޕައިލެޓުންގެ މުއާމަލާތު ފަދަ، ތަހުގީީގަށް ބޭނުންވާ މުހިންމު ހުރިހާ މައުލޫމާތެއް ރައްކާކުރެވިފައި ހުންނަ އާލާތެކެވެ. މަތިންދާބޯޓުތަކުގައި މީގެ ދެ ޑިވައިސް އާންމުގޮތެއްގައި ބޭނުންކުރެ އެވެ. މިއީ ބާރުގަދަ ގޮވުންތަކުގެ ސަބަބުންނާއި ގަދަ ފިންޏާއި ފުން ކަނޑުގެ ތެރޭގައި ވެސް ސަލާމަތުން އޮންނަ ގޮތަށް އުފައްދާފައި އޮންނަ އެއްޗެކެވެ.

ވެއްޓުނު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ 40 މީހެެއްގެ ހަށިގަނޑެވެ. އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި ގިނަ މީހުން ތިބޭނީ ބޯޓުގައި ފަސިންޖަރުން ތިބޭ ބައިގެ ތެރޭގައި، ސީޓް ބެލްޓު އަޅައިގެން ތިބުމުން ތާށިވެފަ އެވެ. -- ބީބީސީ