ފަގީރުކަން

ބަނޑުހައިހޫނުކަމުގައި ދުވާލަކު 25،000 މީހުން މަރުވޭ، ގިނައީ ކުޑަކުދިން

ކުޑަކުދިންގެ ތެރެއިން މަރުވާ ކުދިންގެ 45 ޕަސަންޓް މަރުވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު 10،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް 25،000 މީހުން މަރުވަނީ ބަނޑުހައިހޫނުކަމާއި އެއާ ގުޅުން ހުރި ސަބަބުތަކާ ގުޅިގެންނެވެ. ދުނިޔޭގެ ގާތްގަނޑަކަށް 854 މިލިއަން މީހުންނަށް ބޭނުންވާ އަސާސީ ކާނާ ނުލިބޭ ކަމަށް ލަފާކުރެވޭއިރު ކާބޯތަކެތީގެ އަގު ދަނީ ދުވަހެއް ދުވަހަށް މައްޗަށެވެ.

ކާބޯތަކެތީގެ އަގު އުފުލިގެން ދާދިއުމަށް އެއްވެސް ކޮންޓްރޯލެއް ނެތް ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 100 މިލިއަން މީހުން ފަގީރުކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ހާއްސަކޮށް ލިބޭ ކުޑަކުޑަ އާމްދަނީ އިން މަދުވެގެން 60 ޕަސެންޓް ކާނާއަށް ހޭދަކުރަން ޖެހޭ މީހުންގެ ތެރޭގައި މިކަމުގެ ނުރައްކާތެރިކަން ބޮޑެވެ.

ގާތްގަނޑަކަށް 1.2 ބިލިއަން މީހުން ފަގީރުންގެ ގޮތުގައި ދިރިއުޅެމުންދާއިރު އެ އާބާދީއަކީ ކާބޯތަކެއްޗާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން ވަރަށް ބޮޑަށް ނާޒުކު އަސަރެއް ކުރާނެ ބައެކެވެ. އާންމު އަގުގެ ހާލަތުގައިވެސް ގިނަ ފަހަރަށް ގޭތެރޭގައި ބޭނުން ކުރުމަށް ބޭނުންވާ ވަރަށް އަސާސީ ތަކެއްޗާއި ހިދުމަތްތައް ފަގީރުންނަށް ނުލިބެ އެވެ.

ހައިޓީ، މާލީ، ސޯމާލިއާ، އިތިއޯޕިއާ، ސޫދާން، ދެކުނު ސޫދާން، ޔަމަން އަދި ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ޣައްޒާގެ ސަރަހައްދުތަކަކީ މިވަގުތު ބަނޑުހައިހޫނުކަން އެންމެ ބޮޑަށް ތަހައްމަލު ކުރަން ޖެހިފައިވާ ސަރަހައްދު ތަކެވެ.

ދުނިޔޭގައި ބަނޑުހައިހޫނުކަން ނައްތާލުމަށް ކުރާ ހަރަދުތަކާ ގުޅޭ ގޮތުން ދިރާސާކުރާ ފަރާތްތަކާއި ސައިންސްވެރިން ތަފާތު އަންދާޒާތަކެއް ކޮށްފައިވެ އެވެ. އޮކްސްފޭމް އިން ހިއްސާކުރި އަންދާޒާއެއްގައިވާ ގޮތުން ބަނޑުހައިހޫނުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގާތްގަނޑަކަށް 23 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. މީގެއިތުރުން ގިނަ ދުވަހަށް ދިގުދެމިގެންދާ ބަނޑުހައިހޫނުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އިތުރު 14 ބިލިއަން ޑޮލަރު ބޭނުންވެ އެވެ.

އދގެ މައިގަނޑު އެއް އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ބަނޑުހައިހޫނުކަމާއި ކާނާ ލިބުން ދަތިވުން ނިމުމަކަށް ގެނައުމާއި، ހުރިހާ އެންމެންނަށް ހާއްސަކޮށް ކުޑަކުދިންނަށް މުޅި އަހަރަށް ފުދޭ ވަރަށް އަސާސީ މިންވަރަށް ކާނާ ލިބޭނެ ގޮތް ހެދުމެވެ.