އޮޕް - އެޑް

މުއްސަނދިންނަށް ބޯޑަރު ހުޅުވާލަން ޖެހޭ!

Apr 14, 2020
13

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރްސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުގެ ބޭނުމުގަ އެވެ.
____________________________________________________________

ކޮރޯނާ ވައިރަހުގެ ބަލާމުސީބާތާއެކު މިހާރު ދުނިޔެއަށް ދިމާވެފައިމިވާ އިގްތިސޯދީ ކާރިސާގެ ވަޅުގަނޑުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ރާއްޖެއަށް ކުރެވިދާނެ ކަންކަމާމެދު، ރާއްޖޭގެ އެންމެން ވިސްނަމުންދާ މި ހައްސާސް ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ތަފާތު ފިރުކުރުތައް ފެންމަތި ކުރަމުން ގެންދާނެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެހެން ހުރިހާ ސިނާއަތަކާ އަޅާބަލާއިރު، މިވަގުތު، އެންމެ ގިނަ ވަސީލަތްތައް ގާއިމް ކުރެވިފައިވާ އަދި އެންމެ ފުރިހަމައަށް ތައްޔާރު ވެފައިވާ ސިނާއަތް ކަމަށްވުމުން ގައުމުގެ އިގްތިސޯދު އެންމެ އަވަހަށް، އެންމެ ހަރަދު ކުޑަކޮށް ނަގާ ކޮޅަށް ޖެހޭނީ މި ސިނާއަތުން ކަމަށް ގަބޫލު ކުރެވެ އެވެ.

އެހެންކަމުން ހަމަޖެހޭ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ގައުގެ ބޯޑަރު ހުޅުވާލުމާމެދު ކަމާބެހޭ ފަރާތްތަކުން ވިސްނަންވީ ވަގުތު ޖެހިއްޖެ ކަމަށް ދެކެން ޖެހެ އެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުކުރާ ބޮޑެތި ހުރިހާ ކުންފުނިތަކުން، ދަތުރުފަތުރުކުރުން ހުއްޓާލާފައިވާ މިދަނޑިވަޅުގައި، ރާއްޖެ އަންނަން ބޭނުންވާ، އަދި އަމިއްލަ އުޅަނދަކުން ރާއްޖެ އާދެވޭނެ ތަނަވަސްކަން ހުރި ފަރާތްތަކަށް ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރުމަށް ފުރުސަތު ދިނުމަށެވެ.

ނުވަތަ މިދަނޑިވަޅުގައި މިފަދަ ޗުއްޓީއަކަށް، ހޭދަ ކުރުމަށް ކެރިފޯރުންތެރިކަން ހުރި ބަޔަކަށް، ފުރުސަތު ހުޅުވާލުމަށެވެ. ފުދުންތެރި، މުއްސަނދި މަހުޖަނުންނަށް މި ގައުމުގައި ހެދިފައިވާ ރިޒޯޓްތައް ހުޅުވާލުމަށެވެ.

މިހާރު މުޅި ދުނިޔެއަށް ދިމާވެގެން މިއުޅޭ ހާލަތުގައި، އެތައް އިގްތިސޯދެއް ފުނޑުފުނޑުވެ އެތައް ވަޒީފާއެއް ގެއްލިފައިވުމުން ކުރިއަށް އޮތް އަހަރެއްހާ ދުވަހު ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަހު، ޗުއްޓީ ހޭދަ ކުރުން ފަދަ ކަމަކަށް، ހަމައެކަނި ކެރިކުޅަދާނަ ވާނީ މަހުޖަނުންނަށް ކަމަށްވާތީ އެވެ.

މިފަދަ ކަމެއް ކުރުމަށް، މިފަދަ ދަނޑިވަޅެއްގައި ހުއްދަ ދިނުމުގެ ކުރިން ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެގޮތުން ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ވަރުގަދަ ކުރަންޖެހޭނެ އެވެ. ފަތުރުވެރިންނާ ކުރިމަތިލާ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް، ސިއްހީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފުރިހަމައަށް އެޅިފައިވާން ވާނެ އެވެ. އެމުވައްޒަފުންނަށް އެއާޕޯޓްތަކުގައި ކައި ބޮއި ނިދާހެދޭނެ ފަދަ އެންމެހައި އިމްތިޒާމްތައް ހަމަޖެހިފައި ހުންނަންވާނެ އެވެ.

އަދި އެއާޕޯޓްއިން ރިޒޯޓްއަށް، ފަތުރުވެރިން ގެންދިއުމުގައި ބައިވެރިވާ މުވައްޒަފުންނަށް ވެސް، އެފަދަ ކަންކަން ހަމަޖެހިފައި އޮށްނަންވާނެ އެވެ. ކަނޑުމަގުން ނުވަތަ ވައިގެމަގުން ގެންދިޔަ ކަމުގައި ވިޔަސް އެވެ.

ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެސް ސަލާމަތާ ރައްކާތެރިކަމަށް، ސިއްހީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ހަމަވާން ޖެހޭނެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު ޓެސްޓް ކުރެވޭނެ ވަސީލަތްތައް ވެސް ގާއިމްވެފައި ހުންނަންވާނެ އެވެ.

މިއާއެކު، ކޮންމެ ރިޒޯޓެއްގައި ވެސް މަދުވެގެން ކޮލިފައިޑް، ސްޕެޝަލިސްޓް ދެ ޑޮކްޓަރުންނާއި ބޭނުންވާވަރަށް ނަރުހުން ވެސް ތިބެން ޖެހޭނެ އެވެ. މަދުވެގެން އެ ރިސޯޓެއްގައި ހުންނަ އެނދުގެ އަދަދުގެ 10 ޕަސެންޓާ އެއްވަރުގެ އަދަދަކަށް ވެންޓިލޭޓަރު ތަކާއި އެނޫން ވެސް ތަކެތި ހުންނަން ޖެހޭނެ އެވެ. މި ތަކެއްޗަކީ މޮބައިލްކޮށް، ފަސޭހައިން ހަރުކޮށް ނައްޓާލެވޭ ގޮތަށް ހުންނަ ތަކެއްޗަށް ވެސް ވާންވާނެ އެވެ.

މިވަގުތު މުޅި ދުނިޔެ ކުރިމަތިލަމުން މިދާ ކޮވިޑް ނަވާރައިގެ ކާރިސާއާ ގުޅޭ ގޮތުން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބަލާ ވިސްނާއިރު، ދުނިޔޭގެ މަދު ގައުމަކަށް ނޫނީ ލިބިފައި ނުވާ ފަދަ އެޑްވާންޓޭޖްތަކެއް ރާއްޖެއަށް ލިބިގެން ވެއެވެ. ގުދުރަތީ ގޮތުން ރާއްޖޭގެ މިރީތި ރަށްތައް އުފެދިފައިވާ ގޮތުންނެވެ. އެހެންކަމުން މިދަޑިވަޅުގައި ސަރުކާރާއި ކަމާބެހޭ އެންމެހާ ފަރާތްތައް، މި ފާހަގަކުރި ކަންކަމާއި އަދި އެނޫން ވެސް ކަމާ ގުޅުންހުރި އެންމެހާ ކަމެއް ހިމަނައިގެން، ތައްޔާރު ކުރާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، ރާއްޖޭގައި އުފެދިފައިވާ ޓޫރިސްޓް ރިޒޯޓްތައް ބޭނުން ކޮށްގެން މިފުރުސަތުގެ ބޭނުން ކުރު، މެދު، އަދި ދުރު ރާސްތާ ގޮތެއްގައި، ފައިދާ ކުރާނެ ގޮތަކަށް ވިސްނައިގެން ގެންނަންވާ އުނިއިތުރު ތަކާއެކު ކުރަން ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށް ފެނެ އެވެ.