ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑރ. ނަޒްލާ: ދިވެހިން ދެން ހޭނެންވީ އާ އާދަތަކަކަށް!

Apr 14, 2020

ކުރިން އުޅުނު އާދަތަކަށް ދެން އަނބުރާ ރުޖޫއަ ނުވެވޭނެ ކަމަށާއި ދެން ހޭނެންވީ މުޅިން އާ އަދާތަކަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ފެންނަ މިންވަރު މަދީ، ބަލި ފެތުރުނަ ނުދިނުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ބަލި ފެތުރުން މަދުވުމުގެ އެންމެ ބޮޑު ސަބަބަކީ ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުކުރުން ކަމަށެވެ.

ސަރުކާރު ވަނީ އިޖުތިމާއީ ގަައިދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލް، ޔުނިވާސިޓީތައް ބަންދުކުރި އެވެ. ކެފޭ، ރެސްޓޯރެންޓްތަކާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި އެވެ. އޮންލައިންކޮށް ހިދުމަތްތައް ލިބޭނެ ގޮތް ހަދައި، ފިހާރަތަކުން ޑެލިވަރީކޮށް ދިނުމަށް ބާރު އަޅަ އެވެ. މާލޭގައި ކާފިއު ހިންގައި މާލޭގެ މަގުމަތީގައި ތިން މީހުންނަށްވުރެ އިތުރަށް އެއް ނުވުމަށް ވެސް އެންގި އެވެ.

ޑރ. ނަޒްލާ އެކަންކަން ނުކޮށް ވެކްސިނެއް، ބޭހެއް ހޯދައިފައިނުވާ ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ވެކްސިނެއް ހޯދެންދެން އިޖުތިމާއީ ގައިދުރުކުރުން ފަދަ އާދަތަކަށް ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އެއީ އާންމު އާދައަކަށް ދިވެހިން ހަދަން ޖެހޭނެ ކަމަށެވެ.

"އަލުން އަނބުރާ ކުރީގެ ނޯމަލް ހާލަތަކަށް ދެން ނުދެވޭނެ، ދެން ދާން ޖެހޭނީ އާ ނޯމަލްއަކަށް، ނިއު ނޯމަލްއަކަށް، އެހެންޏާ އަޅުގަނޑުމެން ތިބޭ ގޮތަށް ކައިރި ކައިރީގައި ދެން ނުތިބެވޭނެ، ދުރުދުރުގައި ތިބެން ޖެހޭނީ، މިކަން އާންމު އާދައަކަށް ހަދަން ޖެހޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ އާންމު އާދައެއް ބަދަލު ކުރުމަކީ ޕަބްލިކް ހެލްތު ދާއިރާއަށް އުނދަގޫ ކަމެއް ކަމަށެވެ. ރައްޔިތުންނަށް ހަމައެކަނި މައުލޫމާތު ދީގެން އެކަން ނުވާނެ ކަމަށެވެ. އެހެންވެ އިޖުތިމާއީ ގައިދުރުކަމާ ގުޅޭ ކެމްޕެއިނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޑރ. ވިދާޅުވި އެވެ. އަދ، މުއައްސަސާތަކުން ވެސް އިޖުތިމާއީ ގައިދުރުކަމަށް ފުރުސަތު ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބަލި ފެތުރިއްޖެނަމަ، ފަރުވާދޭން އުނދަގޫވާނެ ކަމަށާއި އެވަރަށް ވަސީލަތްތައް ވެސް ނުލިބިދާނެކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެފަދަ ހާލަތެއް އަޔަނުދީ މިހާރު މުހިންމު ފިޔަވަޅުތައް އެޅުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.