ހަބަރު

ދިވެހި ބަހަކީ ގައުމިއްޔަތުގެ ހިތް: ރައީސް

ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަކަމުގެ ރަމްޒު ކަމަށާ ދިވެހި ބަހަކީ ގައުމިއްޔަތުގެ ހިތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ ވަންތަކަމުގެ ރަމްޒު ކަމަށެވެ. އަދި އެއީ ދިވެހި ގައުމިއްޔަތުގެ ހިތް ކަމަށާ އެއީ ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަން ކަމަށެވެ.

ބަހުގެ ދުވަހާއި ގުޅިގެން މިނިސްޓަރު ޔުމްނާވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި ބަހަކީ އެކި ފަންތީގެ އެންމެން ގުޅުވައިދޭ ވަސީލަތް ކަމަށެވެ. މިނިސްޓަރު ވަނީ ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު ދިވެހި ބަހުން ދަރިންނާ ވާހަކަ ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

އަދި އެކުދިން ލައްވާ ދިވެހި ބަހުން ވާހަކަ ދައްކުވާ، ދިވެހި ބަހުން ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

"..ގޭގައި މަޑުކުރައްވާއިރު ލިބޭ ހުސްވަގުތުތަކުގައި ދިވެހިބަހުން ފޮތް ވިދާޅުވޭ. ކުދީންނަށް ދިވެހިބަހުން ވާހަކަ ކިޔައިދެއްވާ. ކުދީން ލައްވާ ދިވެހި ފޮތްކިޔުއްވާ. ހުސްވަގުތު ހެޔޮ ގޮތުގައި ބޭނުންކުރައްވާ." ޔުމްނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.