ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ ހާލަތު ބަލަނީ

ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ ހާލަތު ބަލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި އަޅާފައިވާ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީ-ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ދިމާވެދާނެ މާލީ ދަތިތަކަށް ލުޔެއް ގެނައުމަށް އެ ކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، މިހާރު ހިދުމަތްދޭ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ތެރެއިން އެެއްވެސް ފަރާތަކަށް ހިދުމަތް ދިނުމުގައި އެއްވެސް ދައްޗެއް ނުވަތަ މާލީ ނުތަނަވަސްކަމެއް ދިމާވެފައިވާނަމަ އެ ކޮމިޝަނަށް އެނގުމަށް ވަނީ އެދިފަ އެވެ.

އެގޮތުން، "ކޮވިޑް-19 އާ ގުޅިގެން ހާލަތު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފޯމު" ފުރިހަމަކުރުމަށްފަހު ކޮމިޝަނުގެ އީމެއިލް، [email protected] އަށް މި މަހު 21 ގެ ކުރިން ފޮނުވުމަށް ވަނީ އެދިފަ އެވެ.

މި ފޯމްގައި ބްރޯޑްކާސްޓަރ ކޮށްފައިވާ އިންވެސްޓްމަންޓްގެ އަގާއި، 2020 ވަނަ އަހަރަށް އަންދާޒާ ކުރާ ގެއްލުމާއި، އާމްދަނީ ހޯދާ ވަސީލަތްތަކާއި، މުވައްޒިފުންގެ އަދަދާއި، މުވައްޒިފުންގެ އެވްރެޖް މުސާރައާ، މަހަކު މުސާރައަށް ހޭދަކުރާ އަދަދާއި، މުސާރައާ ނުލައި ކުރަންޖެހޭ އެހެން ހަރަދުތަކާއި، ލޯނެއް ނަގާފައިވާނަމަ އެކަމުގެ ތަފްސީލާ، މުވައްޒިފުންގެ އެއްވެސް ކަމަކަށް ބަދަލު ގެނެސްފައިވާނަމަ އެކަމެއް އަދި ލިބޭނެ ގެއްލުން ފޫބެއްދުމަށް ބޭނުންވާ އެހީތެރިކަމުގެ ތަފްސީލްވެސް ހިމަނަން އެދިފައިވެއެވެ.