ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވާއިރު، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ދޮގު ހަބަރާއި ސައްހަ ނޫން މައުލޫމާތު ބްރޯޑްކާސްޓުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު ބުނެފި އެވެ.
ބްރޯޑްކޮމްއިން މިއަދު ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން، ކޮވިޑް-19 އާ ބެހޭ ގޮތުން މައުލޫމާތު ގެނެސްދިނުމުގައި ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާ ލަފާ ހޯދުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 އާގުޅޭ މައުލޫމާތު ނުފެތުރުމަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ގެ ހަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެކަމާއި ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަމެވެ،" އެ ކޮމިޝަނުން ނެރުނު އެޑްވައިޒަރީގައި ބުންޏެވެ.
އޭގެ އިތުރުން، ކޮވިޑް-19 ގެ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ބްރޯޑްކޮމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދޮގު ހަބަރާއި ސައްހަ ނޫން މައުލޫމާތު ފަތުރާނަމަ، ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް މީގެ ކުރިން ވަނީ އޮންލައިން އަދި ޕްރިންޓް މީޑިއާތަކަށް އަންގައިފަ އެވެ.
އަދި މީޑިއާތަކުން ވީހާވެސް ބޮޑަށް ތެދު މައުލޫމާތު ފެތުރުމަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާ ކައުންސިލުގެ އިސްބޭފުޅުންގެ އަރިހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.