ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުއްލި ހާލަތު ނިމެންދެން ޗެނަލް 13 ގެ "މަޑިސީލަ" ޕްރޮގްރާާމް ހުއްޓާލަން އަންގައިފި

ކޮވިޑް-19 ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމެންދެން ޗެނަލް 13 އިން ކުރިއަށް ގެންދާ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން މޯލްޑިވްސް ބްރޯކްޑާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފި އެވެ.

ބްރޯޑްކޮމް އިން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައި ވަނިކޮށް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން ހިންގާ ޗެނަލް 13 އިން ރޭ ބްރޯޑްކާސްޓް ކުރި "މަޑިސީލަ" ޕްރޮގްރާމްގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ކޮމިޝަނުން ބެލުމަށްޓަކައި ޗެނަލް 13 ޖަވާބުދާރީ ކުރުމުގެ ގޮތުން އެ ކޮމިޝަންގެ ބައްދަލުވުމަކަށް އެ ޗެނަލްގެ މެނޭޖްމަންޓް ހާޒިރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ބައްދަލުވުމުގައި ޗެނަލް 13 އިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް-19 އާ ގުޅޭ ގޮތުން ގެނެސްދިން މައުލޫމާތަކީ މުއުތަބަރު ފަރާތަކުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއް ކަމަށް ބުނެފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އެހެން ނަމަވެސް ސިއްހީ ކުއްލި ހާލަތުގައި ވައިރަސްއާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމުގައި ބޭނުން ކުރަން ވާނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ސައްހަ މައުލޫމާތުތައް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ. އަދި އެ ޕްރޮގްރާމްގައި ގެނެސްދީފައި ވަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ސައްހަކަން ކަށަވަރު ކުރެވިގެން ގެނެސްދީފައިވާ މަޢުލޫމާތެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެހެންކަމުން އެއީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ ހަތަރުވަނަ ނަންބަރުއާ ހިލާފުވާކަމެއް ކަމަށް ކަނޑައަޅައި، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ “މަޑިސީލަ” ޕްރޮގްރާމް، މިއަދުން ފެށިގެން ސިއްހީ ކުއްލި ހާލަތުގެ މުއްދަތަށް އެ ޗެނަލްގެ ޕްރޮގްރާމް ޝެޑިއުލް އިން އުނިކުރަން އަންގާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ޗެނަލް 13 ގެ "މަޑިސީލަ" ޕްރޮގްރާމްގައި ރޭ ވަނީ ދިވެއްސަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ މައުލޫމާތު ފަތުރާފަ އެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެ ހަބަރު ދޮގު ކޮށްފަ އެވެ. އެހެންކަމުން އެކަމާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އަދި އެ ޗެނަލް އަށް ފިޔަވަޅު އަޅަން ވެސް ގިނަ ބަޔަކު ގޮވާލި އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ރިސޯޓެއްގައި ތިބި މީހުނާއި ސަފާރީއެއްގައި ތިބި މީހުނެވެ. މިހާތަނަށް ދިވެއްސަކު އެ ވައިރަސްއަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.