ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެކްސިނާގުޅޭ ގޯސް މައުލޫމާތު ހުއްޓުވަން ބްރޯޑްކޮމްގެ އިންޒާރު

Feb 2, 2021
6

ރާއްޖޭގައި އިއްޔެ އިން ފެށިގެން ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ޒިންމާދާރު ކަމާއެކު ގެނެސްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިންޒާރު އިލްތިމާސެއް ކޮށްފި އެވެ.

މާލޭ ސިޓީގައި އިއްޔެ އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް އިއްޔެ ވެކްސިން ޖަހަން ވަނީ ފަށާފަ އެވެ. އެޗްއީއޯސީން ބުނީ އިއްޔެ 282 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.

ވެކްސިންގެ ރައްކާތެރިކަމާގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތާއެކު ސުވާލު އުފައްދަމުން ދާއިރު، ވެކްސިންގެ ޔަގީންކަން ކަށަވަރުކޮށް ދޭން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ވަނީ އިއްޔެ ވެކްސިން ޖައްސަވާފަ އެވެ.

ނަމަވެސް، ވެކްސިނާ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ސައްހަ ނޫން ވާހަކަތައް ފަތުރާތީ ވެކްސިންއާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭނެ ސާބިތު ނުހިފޭ މައުލޫމާތުން އެއްކިބާވާން ބްރޯޑްކޮމުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މައުލޫމާތު ގެނެސްދިނުމުގައި، ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމަށް ވެސް އެދިފައިވެ އެވެ.

"... ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ވެކްސިންގެ ހަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެކަމާއި، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮންޓެންޓް ގެނެސްދޭ ނަމަ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަން،" އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަދި ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.