ސިވިލްސާވިސް ކޮމިޝަން

ސަސްޕެންޝަން މައްސަލަ ސީއެސްސީއަށް ހައްލުކުރެވޭނެ: ނިޔާޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަންގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އަށް ހައްލު ކުރެވިދާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކަނޑައެޅި ތާރީހުގައި ނުބޭއްވި ފަސްކުރަން ޖެހިފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުން ސަސްޕެންޝަނުގައި ވާތީ އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމްވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަމުން މެންބަރު އަލީ ނިޔާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީވެސް ކޯޓް އަމުރެއް އަދި ރައްޔިތުންގެ މަޖިލީހުންވެސް ގޮތެއް ހޯދާ ނުދެނީސް ކަމަށެވެ.

އެހެން ކަމުން އިލެކްޝަންސް ކޮމިޝަނަށް ހައްލު ހޯދުނު ގޮތަށް ސިވިލްސާވިސް ކޮމިޝަނަށްވެސް ހައްލު ހޯދޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް އެހެން ވިދާޅުވިނަމަވެސް ގާނޫނުގައި ބުނާ މުއްދަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ނުބޭއްވޭނެ ކަމަށް ކަނޑައަޅާ އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ މައްސަލައަށް މަޖިލީހުން ހައްލު ހޯދައިނުދެވުމުންނެވެ. އަދި އިންތިހާބުގެ މައްސަލައަށް މިމަހުގެ 18 ގެ ކުރިން މަޖިލީސްތެރެއިން ހައްލެއް ލިބިދާނެ ކަމަކަށް ނުބެލެވޭތީއެވެ. އެއީ އޮންލައިންކޮށް ބާއްވަމުން އައި ޖަލްސާތައްވެސް ހުއްޓާލާފައިވާތީއެވެ. މި ހަފްތާގެ ތިން ދުވަހުވެސް މަޖިލީސް ނޯންނާނެއެވެ.

ކޮވިޑް19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމި މުއްދަތުގައި ނުބޭއްވޭނެތީ ކޮމިޝަނުން ނިންމީ މިމަހުގެ 18 ވަަނަ ދުވަހަށް އިންތިހާބު ފަސްކުރުމަށެވެ. ނަމަވެސް އަދިވެސް ހާލަތު ބަދަލުވެފައިނުވާތީ މި މުއްދަތުގައިވެސް އިންތިހާބު ނުބޭއްވޭނެތީ ގާނޫނީ ހައްލެއް ހޯދުމަށް ކޮމިޝަނުން ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން ޝަރުއީ މަރުހަލާއިން އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް މައްސަލަ ހައިކޯޓާއި، ސުޕްރީމް ކޯޓަށް ހުށައެޅިއެވެ. އެ މައްސަލަތައް ޝަރުއީ ނިޒާމުން ނެގުމަށްފަހު މަޖިލީހަށް ހުށައެޅީ އެ މައްސަލަތަކަށް ހައްލު އޮތީ މަޖިލީސްތެރެއިން ކަމަށް އެ މަޖިލީހުގެ ރައީސް ވިދާޅުވުމުންނެވެ.

މައްސަލަ ސުޕްރީމް ކޯޓުން ނަގާ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނަށް އެ މަޖިލީހުން އެންގީ އެކަމާ ގުޅޭ ބިލެއް ހުށައެޅުމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބްގެ އޮފީހުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ގެ ނަމުގައި ބިލެއް ހުށައަޅާފައެވެ.

ދިހަ މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

ނަމަވެސް އަދިވެސް މިކަމުުގައި މަޖިލީހުން ގޮތްތަކެއް ނިންމާފައެއް ނުވެއެވެ. އަދި މެންބަރުންގެ މެދުގައި އެ މައްސަލާގައި ހިޔާލުތަފާތުވުން އުފެދި، ސަރުކާރުން ދެ ބިލެއް ހުށައަޅާފައިވަނިކޮށް އިތުރު ބިލެއް މެންބަރު ހަސަން ލަތީފް ވަނީ ހުށައަޅާފައެވެ.

ސަރުކާރުން ބިލް ހުށައެޅީ ބިލްފާސްވުމާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭ ގޮތަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުންގެ އަދަދު

  • އަމިއްލަ ގޮތުން ވާދަކުރާ ސިވިލް ސާވަންޓުން - 69
  • މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ވާދަކުރާ ސިވިލް ސާވަންޓުން - 70
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވާދަކުރާ ސިވިލް ސާވަންޓުން - 43
  • ޖުމްހޫރީ ޕާޓީން ވާދަކުރާ ސިވިލް ސާވަންޓުން - 14
  • އަދާލަތު ޕާޓީން ވާދަކުރާ ސިވިލް ސާވަންޓުން - 05
  • އެމްޑީއޭއިން ވާދަކުރާ ސިވިލް ސާވަންޓުން - 03