ރާވާފައިވާ ގޮތަށް ބާ އިމްތިހާނު ކުރިއަށް ގެންދަން ބާ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން މި ނިންމުން ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ.
ވާޗުއަލް ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ކޮވިޑް-19 އިގެ ސަބަބުން ބާ އިމްތިހާނުގެ މަސައްކަތް ކުރިއަށް ރޭވިފައިވާ ގޮތާ ހިލާފަށް ހިނގައިދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، ބާ އިމްތިހާނާ މެދު މިވަގުތު ނިންމަންޖެހޭ އިތުުރު ނިންމުމެއް ނެތް ކަމަށް ނިންމާ ކުރިން ވެސް އޮތް ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަް ވަނީ ނިންމާފަ އެވެ.
އަދި ލޯކަލް ކައުންސިލް އިންތިހާބު ލަސްވަމުންދާ މައްސަލާގައި މިހާތަނަށް އެކި ފަރާތްތަކުން ތަފާތު ގާނޫނީ ހިޔާލުފާޅު ކުރުންތައް އާންމު ކޮށްފައިވާތީ އެއީ އާންމު މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ ބާ ކައުންސިލުން އެކަމާ މެދު ދެކޭގޮތެއް އާންމު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ގާނޫނީ ދާއިރާއިން މަތީ ތައުލީމްދޭ މަރުކަޒުތަކުގައި ހިންގާ ގާނޫނީ ކޯސްތަކާއި ޕްރަގްރާމްތަކުން އަމަލުކުރުމަށް ބާ ކައުންސިލުން ފާސްކޮށްފައިވާ މިނިމަމް ސްޓޭންޑާޑާ ގުޅިގެން، މި މަސައްކަތް ބާ ކައުންސިލަށް ކޮށްދީފައިވާ އިންޓަނޭޝަނަލް އެކްސްޕާޓް ޕްރޮފެސަރު ޖޫލިއަން ވެބް ހުށައަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް ބޭނުންވާ ކަންކަން ކަނޑައަޅާނީ ބާ ކައުންސިލުން ފާސްކުރާ ގަވާއިދަކުން ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.