ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖެއިން 96،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) މިރޭ ބުނެފި އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްްދަލްވުމުގައި ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލާ ތައްޔާރު ކޮށްފައިވާ ދިރާސާއެއްގައި ހިމެނޭ އަންދާޒާތަކެއް ވަނީ ހިއްސާ ކޮށްފަ އެވެ.
މިއީ މި ބައްޔާ ބެހޭގޮތުން އެސްޓިމޭޓް ހަދަން ތައްޔާރު ކޮށްފައިވާ މޮޑެލްއެއް ބޭނުން ކޮށްގެން ދިވެހި އެކްސްޕާޓުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ނަންބަރުތަކެއް ކަމަށް ވެސް އެންއައިއޯސީއިން ބުންޏެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި 96،000 ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 ވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ މުޖްތަމައުގެ މީހަކަށް މި ބަލި ޖެހޭތާ 45 ނުވަތަ 50 ދުވަހުގެ ތެރޭގައި ބަލި "ޕީކް" އަށް ދާނެ ކަމަށެވެ. އެހާ ހިސާބުން ދުވާލެއްގެ މައްޗަށް 5،000 ވުރެ ގިނަަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.
އޭނާ ވިދާޅުވީ ފިޔަވަޅު އެކަށީގެންވާ ގޮތެއްގައި އަޅައިފިނަމަ މި އަދަދުތައް ބޮޑުތަނުން މަދު ކުރެވޭނެ ކަމަށާއި ސާފު ތާހިރު ކަމަށް އިސްކަން ދިނުމާއި، މީހުން އެއްވެ އުޅުން ހުއްޓުވުމާއި، ސަރުކާރާ އޮފީސްތައް ބަންދުކޮށް ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައިފިނަމަ ނުކުންނާނެ ނަތީޖާތައް ވެސް ދިރާސާއިން ހޯދާފައިވާ ކަމަށެވެ.
މީގެ އިތުރުން ބަލި ފެތުރިއްޖެ ހާލަތެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ މީހުންގެ އަދަދާއި، ހާލަތު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދޭން ޖެހޭނެ މީހުންގެ ނިސްބަތާ، އަދި އެ ހާލަތުގައި ބަލީގެ ސަބަބުން މަރުވާނެ މީހުންގެ އަދަދު ވެސް މި ދިރާސާގައި ހިމަނާފައި ވެއެވެ.
އެޗްޕީއޭ ގެ ސާވޭތަކުން ފެންނަ ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 2000 މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުރި ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖޭން ގާތްގަނޑަކަށް 8،000 މީހުނަށް ކޮވިޑް-19 ފެތުރިގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ހުރި ފިޔަވަޅުތަކާ އެކުގައި ވެސް ހަމަ އެ އަދަދަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް އެ އަދަދަށް ބަލި ފެތުރޭ މިންވަރު 210 ދުވަހަށް ދަންމާލެވޭ ކަމަށް ނަޝީދު ފުރަތަމަ ވިދާޅުވި އެވެ. ފަހުން އެމަނިކުފާނު ވިދާޅުވީ އެއީ ވެސް އެންމެ ގޯސް ހާލަތުގައި ކަމަށެވެ.
މިިހާރު ހުރި ފިޔަވަޅުތަކާއެކު ޖެހޭނެ ކަމަށް ސާވޭއިން ދައްކާ ގޮތުގައި ލަފާ ކުރަނީ 2،000 އެއްހާ މީހުނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ގާތްގަނޑަށް 10 ޕަސެންޓް މީހުންގެ ހާލަތު ގޯސް ވާނެ ކަމަށް ސާވޭއިން ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އިނގޭ މިހާރު ރާއްޖޭގައި އަޅާފައި މިހުރި ފިޔަވަޅުތައް، މިހެން އަޅާފައި ބެހެއްޓީމާ، ގާތްގަނޑަކަށް 2000 އެއްހާ މީހުންނަށް މި ބަލި ޖެހޭނެ ކަމާއި، އޭ ގެތެރެއިން އެބޭފުޅުން އެ ވިދާޅުވާ ހާއްސަ ހާލަތަށް ނުވަތަ ނުރައްކާތެރި ހާލަތަށް 10-5 ޕަސެންޓު މީހުން ދާނެ ކަމާއި އެއީ އަޅުގަނޑުމެންނަށް ސައިންސުން ފެންނަށް ހުރި އެއްޗެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެ ވާހަކަތައް ވިދާޅުވީ އެޗްޕީއޭގެ ދިރާސާ ރިޕޯޓް އެމަނިކުފާނާ ހިއްސާ ކުުރުމުންތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން ނޫން ބަޔަކު އެފަދަ ވާހަކައެއް ހިއްސާ ކުރުމުން އެކަމާ ކިހާ ވަރަކަށް ކަންބޮޑުވޭތޯ ވެސް ނޫސްވެރިން ސުވާލު ކުރިއެވެ. އެ ސުވާލު ނޫސްވެރިން އަމާޒުކުރީ، ބައެއް ނޫސްތަކުގައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނޫން ކަމަށް ވިދާޅުވެ ނަޒްލާ އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވުމުންނެވެ.
ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅޭގޮތުން މަބުރޫކް ވެސް ވަކި އެއްޗެއް ވިދާޅުވެއް ނުވެއެވެ. ވިދާޅުވީ "އެ ބޭފުޅަކާ އެ ސުވާލެއް" ކުރެއްވުމަށެވެ. އަދި އެއްވެސް ބޭފުޅަކަށް އެ ދިރާސާ ރިޕޯޓް ހިއްސާ ކޮށްފައި ނުވާނެ ކަމަށާ އެ ރިޕޯޓް ހިއްސާކޮށްފައި ވަނީ ރޭ މުލިއާ ގޭގައި ބޭއްވި ކޮވިޑް-19 ގެ ޓާސްކު ފޯހުގެ އެންމެ އިސް ބޭފުޅުންނާ ކަމަށެވެ.