ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަތް ދޮވުނަސް ނުފުދޭ، ނިޔަފަތިވެސް ކަނޑާ!

ކޮވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން އަހަރެމެން އެންމެން ވެސް ވަރަށް ގަދަޔަށް ދެ އަތް ސައިބޯނި ލައިގެން ދޮވެ ހަދަމު އެވެ. އަދި ސެނެޓައިޒާ ވެސް އިރުއިރުކޮޅަކާ އުނގުޅަމެވެ. ނަމަވެސް ނިޔަފަތިތައް ހުންނަނީ ކިހިނެއް ހެއްޔެވެ؟

އިނގިރޭސި ވިލާތުގެ ނޫހަކަށް އެ ގައުމުގެ ވަރަށް ސީނިއާ ނަރުހަކު ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްގެ ހާއްޔަކަށް ނިޔަފަތިތަކުގެ ދަށް ވެދާނެ އެވެ. އަދި ނިޔަފަތިދަށުގައި ހަރުލާފައި ހުރެގެން މި ވައިރަސް ފެތުރުމުގެ ބިރު ވަރަށް ބޮޑެވެ.
އޮސްޓްރޭލިޔާގެ ސިއްހީ މަސައްކަތްތެރިން ލިޔެފައިވާ ގޮތުގައި ނިޔަފަތިތައް ވީހާވެސް ކުޑަކޮށް ކަނޑާފައި ބެހެއްޓުން މި ވަގުތަށް ވަރަށް މުހިއްމެވެ.

ނިޔަފަތިތައް ހުރީ އެކަށީގެންވާ ވަރަށް ކެނޑިފައިވާ ޓެސްޓް ކުރުމަށް އިނގިލީގެ ކުރިޔަށް ހިފާ ފިތާލާށެވެ. މިހެން ފިތާލުމުން އިހްސާސް ވަނީ ނިޔަފަތިގަނޑު ނަމަ މާނައަކީ އަދިވެސް ނިޔަފަތި ދިގޭ އެވެ. މަސްގަނޑު އިހްސާސްވާނަމަ އެހެރީ ފުދޭ ވަރަށް ނިޔަފަތިތައް ކެނޑިފަ އެވެ. ނިޔަފަތި ދިގުނަމަ އަވަހަށް ނިޔަފަތި ކަނޑާށެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ ކިތަންމެ ވަރަކަށް އަތް ދޮވެ ސެނިޓައިޒާ ހޭކިޔަސް ނިޔަފަތިތައް ނުކަނޑާނަމަ ބޭނުންވާ ނަތީޖާ ނުނުކުންނާނެ ކަމަށެވެ. އަތް ދޮންނައިރު ދެ އަތް ދެއަތަށް އުނގުޅިޔަސް ނިޔަފަތިތަކުގެ ދަށަށް ސައިބޯންޏާއި ފެން ނުވަންނަ ނަމަ ރަނގަޅަށް އަތް ދޮވެވޭނެ ގޮތެއް ނެތެވެ. ނެއިލް ބްރަޝް އެއް ކަހަލަ އެއްޗަކުން ކޮންމެ ފަހަރަކު ހުރިހާ ނިޔަފައްޗެއްގެ ދަށް ސާފު ނުކުރާނަމަ އެވެ.

ނިޔަފަތިތައް ދިގުކުރުމުގެ އެހެން ނުރައްކަލެއް ވެސް އެބައޮތެވެ. އޮޅިގެން ނަމަވެސް ނިޔަފައްޗެއް ކާލަން އިނގިލި އަނގަޔަށް ލެވިއްޖެނަމަ އަތުގައި ހުންނަ ވައިރަސް ފަދަ އެއްޗެތި ސީދާ އަނގައިން އެތެރެ ހައްޓަށް ވާސިލުވާން ވަރަށް ފަސޭހަ ވާނެ އެވެ.

ފޭކް ނިޔަފަތި ތަތްކޮށްގެން އުޅުން ވެސް މި ދުވަސްވަރަށް ބަލާއިރު ރައްކާތެރިއެއް ނޫނެވެ. ސަބަބަކީ އެ އެއްޗެތީގެ ދަށަށް ވެސް ފަސޭހައިން ވަދެ ހަރުލާފައި ހުންނާނެ އެވެ. ކޮންމެ ފަހަރަކު ނެއިލް ބްރަޝް ބޭނުން ކުރުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމަކަށް ނުވާނެ އެވެ. ވީމާ މިވަގުތަށް ރަނގަޅީ ފޭކް ނިޔަފަތި ވެސް ހަރު ނުކުރުމެވެ.

ފޭކް ނިޔަފަތި ހަރުކޮށްފައި ހުންނަ ނަމަ އަތް ދޮވެ އެ އަތުގެ އިނގިލިތަކުން އަނެއް އަތް ސާފުކުރަން ވެސް އުނދަގޫވާނެ އެވެ. އެހެންވީމ އަތް ދޮވުމުގެ މަގްސަދުވެސް ހާސިލުވާނީ ފޭކް ނިޔަފަތިތައް ނައްޓާފައި ހުރުމުންނެވެ.

ސިއްހީ ތަޖުރިބާކާރުންގެ އިލްތިމާސް އަކީ މުޅި ދުނިޔެއަށް އިމަޖެންސީ ހާލަތެއް މެދުވެރިވެގެން އުޅޭ މި ދުވަސްވަރު ނިޔަފައްޗަށް ސަމާލުވެ ވީހާވެސް ކުރުކޮށް ކަނޑާފައި ބެހެއްޓުމެވެ.

މި ރިޕޯޓަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ ނިޔަފަތި ކަނޑާ ކުރުކޮށްފައި ބެހެއްޓުމަކީ ހަމައެކަނި ސިއްހީ އެހީތެރިކަން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ އެ މީހުންނަކީ އަބަދު ވައިރަސް އާއި ބެކްޓީރިއާގައި އަތް އުނގުޅަން ޖެހޭ މީހުންނަށް ވާތީ އެވެ. ނަމަވެސް މި ދުވަސްވަރަށް ބަލާއިރު އަތުގައި ވައިރަހާއި ޖަރާސީމު ހުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އިންތިހާއަށް ބޮޑެވެ. ވީމާ ސިއްހީ ރައްކާތެރިކަމަށް ނިޔަފަތި ކެނޑުން މިވަގުތަށް ވަރަށް މުހިއްމެވެ.

ބައެއް މީހުން ބުނާ ގޮތުގައި އިނގިލީގައި އަޅާފައި ހުންނަ އަނގޮޓިތަކުގެ ދަށުގައި ވެސް ޖަރާސީމާއި ވައިރަސް ހަރުލާފައި ހުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މި ދުވަސްކޮޅަކު އަނގޮޓި އެޅުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސިއްހީ މާހިރުން މިކަމާ މެދު މި ރިޕޯޓުގައި ވަކި ގޮތަކަށް އިރުޝާދު ދެއްވާފައެއް ނެތެވެ.