ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އަކީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ރޮމެންޓިކް އަދި އެންމެ ގުޅޭ އެއް ޖޯޑެވެ. އެމީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ ސަންޖޭ ލީލާ ބާންސާލީގެ "ގޯލިޔޯން ކީ ރަސްލީލާ – ރާމް-ލީލާ" ކުޅުނު ދުވަސްވަރު އެވެ. އެމީހުން ރައްޓެހިވެގެން އުޅޭކަން ރަސްމީ ސިފައެއްގައި އެމީހުން މީޑިއާއަށް ހާމަކުރީ 2018 ވަނަ އަހަރު އެވެ. އޭރު އެމީހުން ރައްޓެހިވެގެން އުޅޭތާ ހައެއްކަ އަހަރު ވެއްޖެ އެވެ. ލޯބިވެގެން އުޅޭކަން އިއުލާން ކުރިތާ މަދު ހަފުތާތަކެއް ތެރޭ އެމީހުން ވަނީ ކައިވެނިކޮށްފަ އެވެ.
ނަމަވެސް ރަންވީރު ރައްޓެހިވާން އެހުމުން ފުރަތަމަ ދީޕިކާ ހެދީ ދެކޮޅެވެ. އެކުވެރިއެއްގެ ގޮތުގައި ހުރުމަށް އޭނާ ރަންވީރުގެ ކިބައިން އެދުނެވެ. ފިލްމްފެއާ އަށް 2018 ގައި ދީޕިކާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ލޯބިގެ ގުޅުމަށް އޭނާ ފަސްޖެހުނީ ކުރީގައި ކުރެވިފައިވާ ލޯބީގެ ހިތްދަތި ތަޖުރިބާތަކުގެ ސަބަބުންނެވެ. އެހެންވެ އެހެން މީހަކާ ރައްޓެހިވުމުގެ ހިތްވަރު އޭރު އޭނާގެ ކިބައިގައި ނެތީމަ އެވެ.
"އެއީ ކޮންމެހެން ރަންވީރު ވީމައެއް ނޫން. އަހަރެން އެހެން މީހަކާ ރައްޓެހިވާން ތައްޔާރެއް ނޫން އޭރު. ވަރަށް ގިނަ މީހުންނާ ރައްޓެހިވެ އެމީހުންނާއެކު ބޭއްވި ލޯބީގެ ގުޅުންތަކުން ކުރަން ޖެހުނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް. ރަންވީރު އާ ބައްދަލުވީއިރު އަހަރެންގެ ހިތް އޮތީ ފުނޑުފުނޑުވެފައި. ލޯބީގައި ލިބުނު ހިތްދަތި ވޭނުގައި އަހަރެން ވަނީ މުޅިން ވަރުބަލިވެފައި. ރަންވީރު އާ ދިމާވުމުގެ ކުރިން އަބަދުވެސް އަހަރެން އުޅެނީ މީހަކާ ރައްޓެހިވެގެން. އެކަކާ ރުޅިވެފައި އަނެކަކާ ރައްޓެހިވަމުން ދިޔައީ. އެހެންވެ އޭރު ދެން އަހަރެން ބޭނުވީ މީހަކާ ރައްޓެހި ނުވެ އެކަނި ހުންނަން. އަހަރެން އެއްވެސް މީހަކާ ރައްޓެހިވެފައި ހުންނާނީ ހަމައެކަނި ނަމަކަށް ނޫން. އުމުރުން 13 އަހަރުން ފެށިގެން އަހަރެން މީހުންނާ ރައްޓެހިވާން ފަށައިފިން. އަދި ކޮންމެ ގުޅުމަކަށް ވެސް އަހަރެން 100 ޕަސެންޓް ކޮމިޓްމަންޓް ދިނިން،" ދީޕިކާ ބުނެފައި ވެއެވެ.
ރަންވީރާއި ދީޕިކާ ބައްދަލުވީ 2012 ވަނަ އަހަރު އެވެ. އަދި ރަންބީރު ކަޕޫރާއި ދީޕިކާގެ ލޯބީގެ ގުޅުމުގައި ކުނިޖެހި ދެ މީހުން ރުޅިވެ ދީޕިކާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން އެތައް ދުވަހަކު އުޅެފައި ރަނގަޅުވި ތަނާ އެވެ. އެހެންވެ އަލުން އެހެން މީހެއްގެ ފަރާތުން ހިތްހަލާކުވުމެއް ލިބޭކަށް އޭނާ ބޭނުމެއް ނުވި އެވެ.
"އަހަރެން އެންމެ ފަހުން ރައްޓެހިވެގެން އުޅުނު މީހާއާ 2012 ގައި ރުޅިވުމަށްފަހު އަހަރެން ހިތަށް އެރި ދެން މި ނިމުނީއޭ. ދެން މިކަމެއް ނުވާނޭ މަށަކަށް. އެހެން ހުއްޓާ އެ އަހަރު ރަންވީރު އާ ބައްދަލުވެ އޭނާ ރައްޓެހިވާން އެހީމަ އަހަރެން ބުނިން އަހަރެމެން ދެ މީހުންގެ މެދުގައި ރަނގަޅު ކަނެކްޝަނެއް އޮތްކަން އަހަރެން ވެސް ގަބޫލު ކުރަމޭ. އަހަރެންނަށް ވެސް ކަލޭ ވަރަށް ކަމުދެއޭ. ނަމަވެސް ވަރަށް ތެދުވެރިކަމާއެކު އޭ މި ބުނަނީ އަހަރެން ބޭނުމެއް ނޫނޭ މި ވަގުތު އެއްވެސް މީހަކާ ރައްޓެހިވާކަށް. އެއިރަކު އަހަރެން ހިތްހަމަޖެހޭ މީހަކާ އެކު އޭ އަހަރެން އުޅޭނީ،" ދީޕިކާގެ އިންޓަވިއު ގައި ބުނެފައި ވެއެވެ.
ނަމަވެސް ދީޕިކާގެ ހަޔާތަށް ރަންވީރު އައުމަށްފަހު އޭނާ އެހެން ދިމާލަކަށް ބަލާލުމުގެ ފުރުސަތެއް ރަންވީރު ނުދެ އެވެ. އެންމެ ފަހުން ރަންވީރު ހަމަ ނޭވާލީ ވެސް ދީޕިކާ އޭނާ އާ ގުޅެން އެއްބަސް ކުރުވާފަ އެވެ.
އެމީހުން ކައިވެނިކުރީ އެ ގުޅުމަށް ހަ އަހަރު ފުރުނު ފަހުންނެވެ. ކައިވެނި ކުރީ ސިއްރުން އެންގޭޖްވެގެން އުޅޭތާ ވެސް ހަތަރު ވަރަކަށް އަހަރު ފަހުންނެވެ.
ދީޕިކާ ބުނީ ރަންވީރު އާ ކައިވެނި ކުރިއިރު އޭނާއަށް ރަންވީރު އޭނާ ދެކެ ލޯބިވާ ކަމާއި މުޅި އުމުރަށް ގޮވައިގެން އުޅޭކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އެފަދަ ޔަގީންކަމެއް އޭނާއަކަށް އެހެން އެއްވެސް ލޯބިވެރިއެއްގެ ފަރާތުން ނުލިބުނެވެ.