ދުނިޔެ

އަގްސާ މިސްކިތް ކައިރީގައި ހަމަނުޖެހުން ހިންގައިފި

Sep 13, 2015

ޖެރޫސަލަމް (ރޮއިޓާސް) - އިޒްރޭލު ފުލުހުންނައި ފަލަސްތީނުގެ އާންމުންނާ ދެމެދު މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަގްސާ ކައިރީގައި މިއަދު ހަމަނުޖެހުން ހިނގައިފި އެވެ.

އިޒްރޭލު ފުލުހުން އެއްވެފައިވާ އާންމުންގެ ސަފުތައް ރޫޅާލުމަށް ކަރުނަ ގޭހާއި، ރަބަރު އުންޑަ ބޭނުން ކުރިއެވެ. ފަލަސްތީނުގެ އާންމުން އިޒްރޭލު ފުލުހުންނާ ދެކޮޅަށް ބޭނުންކުރީ ގަލާއި ބަޑި ބޭހެވެ.

މަންޒަރު ދުށް މީހުން ބުނީ މި ހަމަ ނުޖެހުމުގައި ފަލަސްތީނުގެ އެތައް ބަޔަކަށް އަނިޔާވި ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލުން މިކަން ދޮގު ކުރެއެވެ.

މި ހަމަ ނުޖެހުން ހިނގާފައި ވަނީ ޔަހޫދީންގެ އާ އަހަރު ކަމައްވާ ރޯޝް ހަށާނާ ފާހަގަ ކުރުމަށް ޔަހޫދީންގެ ބަޔަކު އަގްސާ މިސްކިތަށް ވަންނަން މަސައްކަތް ކުރުމުން ފަލަސިތީނުގެ ޒުވާނުންތަކެއް އަތާއަތް ގުޅުވާލައިގެން އަމިއްލަ ހަށިގަނޑުން "ބެރިކޭޑް" ހަދައިގެން ތިބުމުން އެމީހުން ފައްސާލަން އިޒްރޭލު ފުލުހުން މަސައްކަތް ކުރުމުންނެވެ.

އަލް އަގްސާ މިސްކިތުގެ މައްސަލައިގާ ފަލަސްތީނާއި އިޒްރޭލާއި ދެމެދު ވަރަށް ގިނައިން ހަމަ ނުޖެހުން ހިނގައެވެ.