މާލެ ލޮކްޑައުންއަށް ގެންނަ ހާލަތެއްގައި ޑެލިވަރީކޮށް ދޭނެ ފިހާރަތަކާއި ކެފޭތައް ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ވަނީ ޑެލިވަރީކޮށްދޭނެ ފިހާރަތަކާއި ކެފޭތައް އެ ކައުންސިލްގެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް މިއަދު އެދިފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިކަމަށް ހުޅުވާލީ މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށެވެ. އޭނާ ދިރިއުޅޭ ގެ ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފަ އެވެ.
މިއީ މާލެއިން މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ ރަށަކުން މީހަކު ޕޮޒިޓިވްވެއްޖެނަމަ އެ ރަށެއް ލޮކްޑައުން ކުރުމެވެ. ނަމަވެސް މި ހާލަތުގައި އަދި އަޅާނެ ފިޔަވަޅެއް އެޗްޕީއޭއިން އިއުލާނެއް ނުކުރެ އެވެ.