ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފި

Mar 23, 2020
11

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ސާފުކޮށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފްއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހިމެނޭ ސަރަހައްދު މިހާރު ސާފްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ ތެރެއިން ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ މަގުތައް ކްލޮރިން އަޅައިގެން ސާފްކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މާލޭގެ ރިންގްރޯޑު ވަށައިގެން ސާފް ކުރުމާއި ކުދި މަގުތަކާއި ގޯޅިތަކުންވެސް ޖަރާސީމް ނައްތާލަން ކްލޮރިން އަޅައިގެން ސާފްކުރުމަށް ވަނީ ނިންމާފަ އެވެ.

މި މަސައްކަތް މިއަދު ނުނިމިއްޖެ ނަމަ ކުރިއަށް އޮތް ދެދުވަހުވެސް ކުރަމުންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މީހުން އެއްވެ އުޅޭ ހަރަކާތްތަށް ހުއްޓާލާފައިވާ ކެފޭ / ރެސްޓޯރަންޓްފަދަ ތަންތާ ތިބެގެން ކެއުންވެސް ވަނީ މަނާކޮށްފަ އެވެ. އަދި މާލެސިޓީ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް މަޑުޖައްސާލާފައިވާއިރު ހުކުރު ނަމާދުވެސް ނުކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. އަދި މި ބަލި ޖެހުނު ތިން މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފަ އެވެ.