ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިފައިންގެ ކްލާސްޓާ ބޮޑު ވެދާނެ

Apr 30, 2020
2

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ސިފައިންގެ ކްލާސްޓާއާ ގުޅުން އޮތް 14 މީހަކު ހިމެނޭ ކަމަށާއި މިއީ ވަރަށް ބޮޑު ކްލާސްޓާއަކަށް ވެގެން ހިނގައިދާނެ ކަމަށް ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މީގެކުރިން ޕޮޒިޓިވްވީ ސިފައިންގެ މީހުންނާ ގުޅުން އޮތް 14 މީހަކު ހިމެނޭ ކަމަށެވެ. އެހެންވެ، މިއީ ވަަރަށް ބޮޑު ކްލާސްޓާއަކަށްވުމުގެ ފުރުސަތު އޮތުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަރަށް އިސްކަންދީގެން ކުރަމުންދާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މި 14 މީހުންނަކީ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރިން މަސައްކަތް ކުރާ ވޯކްޝޮޕްގައި މަސައްކަތް ކުރާ ބައެކެވެ. އެހެންވެ އެ ވޯކްޝޮޕް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.

ސިފައިންގެ ހަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ބަންޑާރަ ކޮށީގައި ހުރި މީހަކާއި ކަޅުތުއްކަލާ ކޮށީގައި ތިބި ސިފައިންގެ ތެރެއިން ދެ މީހަކާައި ކޮވިޑް ވިލެޖްގެ މަސައްކަތްގައި އުޅުނު ދެ މީހަކު ހިމެނެ އެވެ. އަދި، އެމީހުންނާ ކޮންޓެކްޓްވެފައި ތިބި ގިނަ ސިފައިން ތިބީ އެކަހެރިވެސްކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 277 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.