ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަސް މީހަކު ހިމެނޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ ފަރާތުން ފެސިލިޓީތަކާ ހަވާލުވެ ހުންނަވާ އެންމެ އިސް ކޮމާންޑަރު ކާނަލް ހުސެއިން އަލީ ވިދާޅުވީ، މިހާތަނަށް އެމްއެންޑީއެފްގެ ފަސް މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އަދި އެމީހުނާ ގުޅުންހުރި ގިނަ އަދަދެއްގެ ސިފައިން ކަރަންޓީނު ކޮށްފައިތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފްރަންޓްލައިނަށް ނުކުތީވެސް މިހެންވާނެކަން އެނގިތިބެ. އަދި ކަރަންޓީނަށްފަހު ވެސް އެ ބޭފުޅުން އަނެއްކާ ވެސް ނުކުންނަވާނީ މަސައްކަތަށް،" ހުސެއިން އަލީ ވިދާޅުވި އެވެ.
މިދިއަ އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ މީހަކު ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މީހާއާ ޑައިރެކްޓް ކޮންޓެކްވި 41 މީހަކު ފާހަގަ ކުރެެވިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން އެކަމުގެ އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ 600 އެއްހާ ފުލުހުންނާއި ސިފައިން ގެއަށް ނުގޮސް އެބަތިބި ކަމަށެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ސަލާމަތީބާރުތަކާއި ސިއްހީ ހިދުމަތްތެރިންނާއި އަދި އެހެނިހެން އިދާރާތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.