ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރައީސް ގައުމާ މުހާތަބު ކުރައްވަނީ

Apr 15, 2020
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ގައުމު މުހާތަބު ކުރައްވަނީ މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވާތީ، މާލެ ހާސްކަމުގެ ތެރޭގައި އޮތުމުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމަށް ވެސް ނިންމާފަ އެވެ. މާލޭގައި ބޭރަށް ނުކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާވާނެ އެވެ.

މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ އިއުލާންގައިވާ ގޮތުން ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކެވެ.

މި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އިއުލާނުގައިވެ އެވެ.

ލޮކްޑައުންކުރުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެނަމަ އާންމުކޮށް އަމަލު ކުރާ އުސޫލެވެ. މީގެކުރިން ގިނަ ރިސޯޓްތަކާއި ރަށްތައް ވެސް ލޮކްޑައުންއަށް ގެނެސްފައިވެ އެވެ.