ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭ ސަރަހައްދުން އޮޑިދޯނި ފަހަރު ފުރުން ވެސް މަނާވާނެ: އެޗްޕީއޭ

Apr 15, 2020
1

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުމަކީވެސް މަނާކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނެރުނު އިއުލާންގައި ބުނީ ކުރިއަށް އޮތް 24 ގަޑިިއިރަށް މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރުފަތުރު ކުރުން މަނާވާނެ ކަމަށެވެ.

މި ފިޔަވަޅު އެޗްޕީއޭއިން އެޅީ މާލޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ އިއުލާންގައިވާ ގޮތުން ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކެވެ.

އެގޮތުން، މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއްކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އިއުލާނުގައިވެ އެވެ.

ލޮކްޑައުންކުރުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެނަމަ އާންމުކޮށް އަމަލު ކުރާ އުސޫލެވެ. މީގެކުރިން ގިނަ ރިސޯޓްތަކާއި ރަށްތައް ވެސް ލޮކްޑައުންއަށް ގެނެސްފައިވެ އެވެ.