ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިހާރު އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ކަމަށް ބެލެވޭ

Apr 15, 2020

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހާއަކީ މިފަހުން ރާއްޖޭން ބޭރަށް ދަތުރުކޮށްފައިނުވާ މީހެއް ކަމަށާއި، އެ ބައްޔަށް ޕޮޒިޓިވްވި އެހެން މީހަކާ ސީދާ ބައްދަލުވި މީހެއް ނޫންކަމުން، މިއީ ރާއްޖޭގައި ކޮމިޔުނިޓީ ޓްރާންސްމިޝަނެއްކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަކުން ބެލެވޭކަމަށް ނެޝަނަލް ޓާސްކު ފޯހުން މިއަދު ބުނެފި އެވެ.

އެންއީއޯސީގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލެއިން ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނު ގޮތެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

"އޭނާ މިފަހުން ރާއްޖޭން ބޭރަށް ދަތުރުކޮށްފައެއް ނުވޭ. އަދި އެބައްޔަށް ޕޮޒިޓިވްވި އެހެން މީހަކާ ސީދާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭކަށްނެތް،" ޑރ. ލަތީފް ވިދާޅުވި އެވެ.

ޑރ. ލަތީފް ވިދާޅުވި ގޮތުގައި، މިހާރު ހޯދިފައިވާ މައުލޫމާތުތަކަށްބަލާއިރު، އެ މީހާއަށް ބަލިޖެހިފައިވުމުގެ ފުރުސަތު ބޮޑި، އެ ބައްޔަށް ޕޮޒިޓިވްވެ، އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުން ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓުވި 54 މީހަކު މިހާރުވެސް އެކަހެރިކުރެވިފައިވާ ކަމަށެވެ. އަދި އެހެނިހެން ގޮތް ގޮތުން، އޭނާއާ ބައްދަލުވި އިތުރު 50 އަށް ވުރެ ގިނަ މީހުން، މިވަގުތަށް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށާއި، އެ މީހުން ވެސް އެކަހެރިކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށެވެ.

"އޭނާއަށް ބަލި ޖެހުނު ސޯސްއަކީ ކޮބައިތޯ ބަލަން ކޭސް އިންވެސްޓިގޭޝަން ހަދަމުންދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، މާލެއިން ޕޮޒިޓިވްވި މީހާ، ފާއިތުވި ދުވަސްތަކުގައި ގޮސްފައިވާ ތަންތަނާއި ބައްދަލުވި މީހުން ވަރަށް ތަފްސީލުކޮށް ބަލަމުން އަންނަ ކަމަށެވެ.

ޑރ. އަލީ ރަފީގު ވިދާޅުވި ގޮތުގައި، ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ހުރިހާ މީހުން، ކަރަންޓީނުކުރާނެކަމަށާއި، ނަމަވެސް ބައެއް ހާލަތްތަކުގައި އެ މީހުން ހޯމް ކަރަންޓީނުގައި ބޭތިއްބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ފަރުވާއަކީ ގޭގައި ތިބުން

ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނުމާ ގުޅިގެން، މުޅި މާލެ ސަރަހައްދު ކުރިއަށްއޮތް 24 ގަޑިއިރަށް ލޮކްޑައުންކުރުމާ ގުޅިގެން، ސިއްހީ އިދާރާތަކުގެ އެންގުތަކަށް ކުރިއަށްވުރެ ބޮޑަށް ތަބާވުމަށް ޑރ. އަލީ ރަފީގު މިއަދުވެސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ބަލިޖެހިފައިވާ މީހަކާ ސީދާ ގުޅުމެއްނެތް މީހަކު ބައްޔަށް ޕޮޒިޓިވްވުމާއެކު، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ދިޔުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި، ރައްޔިތުން ގޭގައި މަޑުކުރުމަށާއި، ގައިދުރުކުރުމުގެ އެންގުތަކަށްވެސް އަމަލުކުރުން ކުރިއަށްވުރެ ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިންވެސް އަޅުގަނޑުމެނަށް ފެނިފައިވާ އެއްވެސް ބިރެއް ނެތި މާލޭގެ މަގުތަކަށް މީހުން އެއްވެ އުޅުނުތަން. އެކަން އެގޮތަށް ނުކުރުން އަޅުގަނޑުމެންގެ އިލްތިމާސަކީ. މިއީ ވަރަށް ނުރައްކާތެރި ބައްޔެއް. މިކަމުގައި ރައްޔިތުން ކުރައްވަންވީ ކަމަކީ، ގޭގައި މަޑުކުރެއްވުން. މުޖުތަމައުގައި މި ބަލި ފެތުރުން ހުއްޓުވަން ސޯޝަލް ޑިސްޓަންސިންގް އިތުރުކޮށްދެއްވުން،" ޑރ. އަލީ ރަފީގު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.