ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލޮކްޑައުން އިތުރު ކުރުމާމެދު ގޮތް ނިންމާނީ މާދަމާ

މާލެ، 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް ނިންމާފައިވާ ނިންމުމާމެދު އިތުރު ގޮތްތަކެއް މާދަމާ ނިންމާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

އެންއައިއޯސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ މާލޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅަމުންދާ ކަމަށެވެ. އެގޮތުން މާލެ، 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް ނިންމި ނިންމުމަކީ ކޮންޓެކްޓްރޭސިންއަށް ވަގުތު ހޯދުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

އަދި މިހާތަނަށް ފާހަގަކުރެވުނު މީހުންގެ ސާމްޕަލްނަގާ ޓެސްޓް ކުރަމުންދާއިރު، ކާފިއު ނުވަތަ ލޮކްޑައުން ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ނިންމާނީ މާދަމާ ކަމަށެވެ.

"..މިހާރު އަަޅުގަނޑުމެން މި ލޮކްޑައުން ކުރީ އަޅުގަނޑުމެން ކުރަންޖެހޭ ކޮންޓެކްޓްރޭސިންގެ މަސައްކަތްކޮށް، އިތުރަށް ފިޔަވަޅު އެޅުމަށް ވަގުތު ހޯދުމުގެ ގޮތުން. އެހެންވީމަ މާދަމާ ހިސާބަށް ދިޔައީމަ އެނގޭނެ ކާފިއު ނުވަތަ ލޮކްޑައުން ކުރިއަށް ގެންދާނީތޯ." ޑރ. ލަތީފް ވިދާޅުވި އެވެ.

މިހާރު އަަޅުގަނޑުމެން މި ލޮކްޑައުން ކުރީ އަޅުގަނޑުމެން ކުރަންޖެހޭ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކޮށް، އިތުރަށް ފިޔަވަޅު އެޅުމަށް ވަގުތު ހޯދުމުގެ ގޮތުން. އެހެންވީމަ މާދަމާ ހިސާބަށް ދިޔައީމަ އެނގޭނެ ކާފިއު ނުވަތަ ލޮކްޑައުން ކުރިއަށް ގެންދާނީތޯ
ޑރ. އަލީ ލަތީފް

ޑރ. ލަތީފް ވިދާޅުވީ މާލެއިން މީހަކު ޕޮޒިޓިވްވުމަކީ މުޅި މާލެ 14 ދުވަހަށް ކަރަންޓީން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ނަމަވެސް ބަލި ފެތުރެން ފަށައިފިނަމަ މާލެ ލޮކްޑައުން ކުރަންޖެހޭނީ 14 ދުވަހަކަށް ނޫން ކަމަށާ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ލޮކް ޑައުން ކުރަންޖެހިދާނެ ކަމަށެވެ.

"..މާލެއިން މީހަކު ފެނިގެން މުޅި މާލެ 14 ދުވަހަށް ކަރަންޓީން ކުރާކަށް ނުޖެހޭނެ އިނގޭތޯ ނުވަތަ މާލެ ލޮކްޑައުން އަކަށްދާކަށް ނުޖެހޭނެ. ނަމަވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައްޖެނަމަ މުޅި މާލެވެސް ލޮކްޑައުން ކުރަން ޖެހިދާނެއޭ އެތައް ދުވަހެއް ވަންދެން. އެއީ 14 ދުވަހެއް ނޫން. ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ލޮކްޑައުން ކުރާއިރު އެކަމުގެ އެންމެ ބޮޑު ފައިދާއެއް މި ލިބެނީ ދިގު މުއްދަތަކަށް ލޮކްޑައުން ކުރުމުން. އެހެން ނަމަވެސް އެކަން ކުރަންޖެހޭނީ އެފަދަ ހާލަތެއް އަތުވެއްޖެއްޔާ."

މީގެ އިތުުރުން ޑރ. ލަތީފް ވަނީ އާންމުންނަށް ހާއްސަ އިލްތިމާސެއްވެސް ކުރައްވާފައެވެ. ވިދާޅުވީ ކުރިން ކާފިއުގައި އަމަލު ކުރެއްވި ގޮތަށް އަމަލު ނުކުރެއްވުމަށެވެ.

މިފަހަރު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެ ކަމަށާ އެހެން ކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ މި ދުވަސްވަރު މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އިނގޭތޯ ކުރީ ފަހަރު އަޅުގަނޑުމެންނަށް ފެނުނީ ކާފިއު ނިމުމާއެކު ހުރިހާ އެންމެން އީދެއް އައިހެން މަގުމައްޗަށް ނިކުތްތަން. އެ ފަހަރު އަޅުގަނޑުމެންނަށް ހީކުރެވުނީ މާލެއިން އެއްވެސް ކޭސްއެއް ނުފެންނާތީ އެކަހަލަ ބިރެއްނެތި ނިކުތީ ކަމަށް. އެހެން ނަމަވެސް މިފަހަރު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މާލެތެރޭން މީހަކު ޕޮޒިޓިވްވެއްޖެކަން. އެހެންވެއްޖިއްޔާ އަޅުގަނޑުމެން ކޮންޓެކްޓްރޭސިން ހެދިނަމަވެސް ފުރުސަތު އޮންނާނެކަން، އެހެންވީމަ ޒަރޫރީ ބޭނުމެއްނެތި މަގުމައްޗަށް ނުނިކުތުން. އެއީ ވަރަށް މުހިންމު ކަމެއް،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.