ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު 24 ގަޑިއިރުގެ ލޮކްޑައުންއެއް

މާލެ ސިޓީއަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި އެވެ.

އެޗްޕީއޭއިން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިތުރު ސައުވީސް ގަޑިއިރަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެ ބަޔާނުގައި ބުނެފައިވަނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރާ ކަމަށެވެ. -މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ އިއުލާންގައިވާ ގޮތުން ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކެވެ.-

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އަލަންޖެހޭ ހާއްސަ ފިޔަވަޅުރައް އެޅުމަށް މަގުފަހި ކުރުމުގެ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.

ނަމަވެސް އިއްޔެ މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރީ ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ވަނީ މާލެއިން ޕޮޒިޓިވްވެފައެވެ. ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އަންހެނެކެވެ. ދެން އޭނާގެ ކުޑަ ދަރިފުޅެވެ. އޭގެ ފަހުން އަންހެން މީހާއާ ކޮންޓެކްޓްވި އިތުރު މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މާލެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ ޓެރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ހޯދައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދެމައިން ދިރިއުޅޭ ގެއިން އިތުރު 10 މީހެއްގެ ސާމްޕަލް ވެސް ނެގި އެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

މީގެއިތުރުން އަންހެން މީހާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފަ އެވެ. އެ އެންމެން ވެސް ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެމީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

އަންހެން މީހާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.

މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ.