މާލެ ތެރެއިން ފެނުނު ފުރަތަމަ ކޮވިޑް-19 ކޭސްއާ ގުޅިގެން މިހާރު 11 ގެއެއް މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ލޮކްޑައުންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
އިއްޔެ މާލެއިން ޕޮޒިޓިވްވެފައިވަނީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް ދިވެހި އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އިތުރު 10 މީހަކު ނެގެޓިވްވެފައިވެސްވެ އެވެ.
އޭގެއިތުރުން އޭނާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ އެމީހުން ވެސް އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެޗްޕީއޭއިން އަދިވެސް އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހުއްޓާނުލަ އެވެ. އެކަމަށް މާލޭގެ ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރު ވެސް ކޮށްފަ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ގޮތުގައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް މީހުން ވަނުމާއި ނުކުތުން މިވަގުތު 11 ގެއަކަށް މަނާކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އާއި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އާއި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އާއި މ. ނާގޫޝުވިލާ ދެވަނަ ފްލޯ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.
މިގެތައް ލޮކްޑައުން ކޮށްފައިވާއިރު އައްޑޫ ސިޓީގައި ވެސް ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އަދި އަންހެން މީހާ ދިރިއުޅޭ ޖަރީމާގެ ވެސް ވަނީ ލޮކްޑައުންގަ އެވެ. ކ. ކާށިދޫ ވެސް މިވަގުތު އޮތީ ލޮކްޑައުން ކޮށްފަ އެވެ.