ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އަލަންޖެހޭ ހާއްސަ ފިޔަވަޅުރައް އެޅުމަށް މަގުފަހި ކުރުމުގެ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.
ނަމަވެސް އިއްޔެ މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރީ ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އަންހެނެކެވެ. ދެން އޭނާގެ ކުޑަ ދަރިފުޅާއި އަންހެން މީހާއާ ކޮންޓެކްޓްވި އިތުރު މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މާލެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ ޓެރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ހޯދައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދެމައިން ދިރިއުޅޭ ގެއިން އިތުރު 10 މީހެއްގެ ސާމްޕަލް ވެސް ނެގި އެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.
މީގެއިތުރުން އަންހެން މީހާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފަ އެވެ. އެ އެންމެން ވެސް ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެމީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.
އަންހެން މީހާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން 11 ގެއެއް ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.
މި ހާލަތު ބަދަލުވާން އޮތީ އަންހެން މީހާއަށް ކޮވިޑް ޖެހުނު ގޮތް ދެނެގަނެވިގެން ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. އަދި މާލެތެރެއިން ކޮވިޑްގެ ޕޭޝަންޓެއް ފެނުމަކީ ކުރިން އޮތް ހާލަތު ބަދަލުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. މިއީ މުޖްތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށުމުގެ އިންޒާރެއްވެސް މެއެވެ.
އެހެން ކަމުން މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ. އެހެން ކަމުން މިއީ އަދިވެސް ޕޮޒިޓިވް ކޭސްއާ ގުޅިގެން ބަލަންޖެހޭ ސީރިއަސް ކަންތައްތަކެއް ހުރުމުން އަޅާފައިވާ ފިޔަވަޅެއްކަން ޔަގީނެވެ.
ނަމަވެސް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އިންތިޒާމްކުރި ގިނަ ކަންކަން ފެއިލްވުމުން މިހާރު މަގުތައް އޮތީ ފުރިފައެވެ. ކާބޯތަކެތި ހޯދުމަށާއި، ވިޔަފާރި ކުރަން އެތައް ބަޔަކު ތިބީ ގެއިން ނިިކުމެއެވެ. ނަމަވެސް ހަނދާންކުރަން ޖެހޭ ކަމަކީ ނުރައްކާ ފިލައިގެން ނުދާ ކަމެވެ.
ހާލަތު ގޯސް، ރައްކާތެރިކަމަށް ގޭގައި ތިބެންޖެހޭ
މާލެއިން ކޮވިޑް-19 ގެ ބަލި މީހަކު ފެނުމަކީ ބިރުވެރި ކަމެއް ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވިއެވެ. ލަތީފު ވިދާޅުވީ ކޮވިޑް-19 އަކީވެސް ރޯގާއެއް ނަމަވެސް މިއީ އާދައިގެ ބައްޔެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
މި ވައިރަސްގެ އަސަރު ކުރާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުން އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ ކަމަށާއި އަދި ފަސް ޕަސެންޓް މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭ ކަމަށެވެ. އަދި ދެ ޕަސެންޓަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޑރ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ބުނެދޭން ވަރަށް ގިނަ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ދެކެން ބޭނުންވާ މަންޒަރު މުޖްތަމައުގެ ތެރެއިން ނުފެންނަ ކަމަށެވެ. ބިރެއްނެތި އަދިވެސް ބައެއް މީހުން މަގުތަކަށް ނިކުންނަމުންދާ ކަމަށާ މާލެ 24 ގަޑިއިރުގެ ލޮކް ޑައުންއަކަށް ގެންދަން ޖެހުނީ ވެސް އެފަދަ ސަަބަބުތަކާއި ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ މިއީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާތީ މިކަމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ގޭގައި ތިއްބެވުން." އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ލަތީފް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އިލްތިމާސަކީ މިއީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާތީ މިކަމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ގޭގައި ތިއްބެވުންޑރ. އަލީ ލަތީފް
މީގެ އިތުުރުން ޑރ. ލަތީފް ވަނީ އާންމުންނަށް ހާއްސަ އިލްތިމާސެއްވެސް ކުރައްވާފައެވެ. ވިދާޅުވީ ކުރިން ކާފިއުގައި އަމަލު ކުރެއްވި ގޮތަށް އަމަލު ނުކުރެއްވުމަށެވެ.
މިފަހަރު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެ ކަމަށާ އެހެން ކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ މި ދުވަސްވަރު މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"މިފަހަރު އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އިނގޭތޯ ކުރީ ފަހަރު އަޅުގަނޑުމެންނަށް ފެނުނީ ކާފިއު ނިމުމާއެކު ހުރިހާ އެންމެން އީދެއް އައިހެން މަގުމައްޗަށް ނިކުތްތަން. އެ ފަހަރު އަޅުގަނޑުމެންނަށް ހީކުރެވުނީ މާލެއިން އެއްވެސް ކޭސްއެއް ނުފެންނާތީ އެކަހަލަ ބިރެއްނެތި ނިކުތީ ކަމަށް. އެހެން ނަމަވެސް މިފަހަރު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މާލެތެރޭން މީހަކު ޕޮޒިޓިވްވެއްޖެކަން. އެހެންވެއްޖިއްޔާ އަޅުގަނޑުމެން ކޮންޓެކްޓްރޭސިން ހެދިނަމަވެސް ފުރުސަތު އޮންނާނެކަން، އެހެންވީމަ ޒަރޫރީ ބޭނުމެއްނެތި މަގުމައްޗަށް ނުނިކުތުން. އެއީ ވަރަށް މުހިންމު ކަމެއް،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.