ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި ކޭސްތަކާ ބައްދަލުވި މީހުން 230 އަށް ވުރެ ގިނަ، ބޮޑެތި ގޮންޖެހުންތަކެއް

Apr 16, 2020
7

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހުން، މަދު ދުވަސްތަކެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުންނާ ސީދާ ބައްދަލުވެފައިވާތީ، ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން މިއަދު ބުނެފި އެވެ.

މިއަދު އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އުފެދޭ ސުވާލަކީ އެންމެ ފަސް ދުވަހުގެ ތެރޭގައި އެހާ ގިނަ މީހުނާ ކޮންޓެކްޓުވީ ކިހިނެއްތޯ. އެކަމުގައި ދަންނަވަން އޮތީ ހަމަ މޫވްމަންޓްތައް ގިނަވީމައޭ އެހެން މެދުވެރިވީ. މަސްދަތުރު ދިއުން، ޕާޓީ ބޭއްވުން، ބުރު ޖެހުން، ދަންނަ ގޭގެއަށް ގޮސްފައި އެބަހުރި. އެއްތަނަށް އެއްވެ އުޅެވިފަ ހުރީމަ މި އަދަދަށް މީހުނާ ކޮންޓެކްޓުވީ،" މަބުރޫކު ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލެއިން ފެނުނު ކޭސްތަކުން ހުރިހާ ރައްޔިތުންވެސް ފިލާވަޅުތަކެއް ދަސްކުރަންޖެހޭ ކަމަށެވެ. އެގޮތުން، ސިއްހީ މާހިރުން ކެނޑެނޭޅި ދެމުންދިއަ އިރުޝާދުތަކަށް ބޯނުލެނބުމުގެ ނަތީޖާ، މިކަމުން ސާފުވެގެންގޮސްފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް ބޯނުލަނބާކަން މީގެން އެނގިގެން ދަނީ. އެއްވެގެން ނޫޅެށޭ. ގެދަރިންގްސްތައް ނުބާއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، މި ކޭސްތަކާ ކޮންޓެކްޓު މީހުންގެ އަދަދު މިހާރުވެސް ވަނީ ހީކުރި ވަރަށް ވުރެ މާގިނަވެފައި ކަމަށެވެ.

"އެންމެ ކޭހަކުން 207 ކޮނެޓެކްޓެއް. އޭގެ މާނައަކީ ދުވާލަކު 34 މީހަކާ ބައްދަލުވެފައިވާކަން. ދެން ވިސްނަވާ ކިހާ މިންވަރަކަށް ގައިދުރުކުރުމުގެ އިރުޝާދުތަކަށް ތަބާވެފައިވާ ނުވާކަން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، މާލެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނު ފަރާތެއް ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވަނީ، ސީދާ ބައްދަލުވި މީހުންގެ އަދަދު ގިނަ ކަމުން ކަމަށެވެ.

މަބުރޫކު ވެސް ވިދާޅުވި ގޮތުގައި، މާލެއިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއަށް ބަލިޖެހުނު ގޮތެއް އަދިވެސް ދެނެގަނެވިފައިނުވާ ކަމަށާއި، އޭނާއަށް އެންމެ ފަހުން ބަލި ޖެހުނު މީހާގެ ފަރާތުން ޖެހުނުކަމުގެ ފުރުސަތުވެސް އޮތްކަމަށެވެ.

މިހާރު މާލޭ ސަރަހައްދު އިތުރު 24 ގަޑިއިރަށް ލޮކްޑައުންކޮށްފައިވާއިރު، ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުންވެސް ލަސްނުކޮށް އެކަން ރިޕޯޓު ކުރެއްވުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.

އަދި ލޮކްޑައުން އުވާލިއަސް، ގައިދުރުކުރުމާއި ތަންތަނަށް އެއްވެ އުޅުން މަދުކޮށްގެން މެނުވީ، މި ބަލި ކޮންޓްރޯލް ނުވާ ހިސާބަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

މާލެއިން ޕޮޒިޓިވްވި ތިން މީހުނާއެކު، ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރައިފަ އެވެ. ނަމަވެސް، އޭގެ ތެރެއިން 16 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.