ހއ. ވަށަފަރާއި ކ. ކާށިދޫ އަދި ތ. މަޑިފުށިން ވެސް ގެތަކެއް ލޮކްޑައުން ކޮށްފި އެވެ. މި ހުރިހާ ގެއަކީ ވެސް އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ތިބި ގޭގެ އެވެ.
މުޅި ކާށިދޫ ވެސް މިވަތު އޮތީ ލޮކްޑައުންކޮށްފަ އެވެ. އެ ރަށުގައި ލޮކްޑައުން ކޮށްފައިވަނީ ދުވެލި ނަމަކަށް ކިޔާ ގެއެކެވެ. ހއ. ވަށަފަރުން ލޮކްޑައުން ކޮށްފައިވަނީ ނިޔަދުރުމާގެ ކިޔާ ގެއެކެވެ. އެ ގެއިން މީހަކު ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެއީ މޯލްޑިވިއަން ފްލައިޓެއްގައި އިއްޔެ އެ ރަށަށް ދިޔަ މީހެކެވެ. ތ. މަޑިފުށިން ލޮކްޑައުން ކޮށްފައިވަނީ ސްނޯ ލައިޓް ކިޔާ ގެއެކެވެ.
މި ގެތަކާއެކު މި ވަގުތު ލޮކްޑައުން ކޮށްފައިވާާ ގޭގެ ތަކުގެ އަދަދު 22 އަށް އެރީ އެވެ.
މީގެކުރިން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އާންމު ކޮށްފައިވާ ގޮތުގައި ލޮކްޑައުންގައި ހުރީ 12 ގެއެކެވެ. އެއީ، އަންހެން މީހާ ދިރިއުޅޭ މ. ޖަރީމާގެ އާއި ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އާއި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އާއި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އާއި މ. ނާގޫޝުވިލާ ދެވަނަ ފްލޯ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.
މިރޭ އެޗްޕީއޭއިން ހާމަކުރި މައުލޫމާތަށް ބަލާއިރު މ. މަދޮށިގޭގެ ދެވަނަ ފްލޯ އާއި ގ. ވޯކްހައުސް އާއި ހުޅުމާލެ ލޮޓް ނަންބަރު 10035ގެ ދެވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް ނަންބަރު 97-302 އާއި ހުޅުމާލެ ފްލެޓް ނަންބަރު 06-2-1 އާއި މ. ކުރެދިލި ގަސްދޮށުގެ ހަތްވަނަ ފްލޯ އެޕާޓްމެންޓް ބީ އާއި ސ. ހިތަދޫ ނޫމަސްވާދީ ވެސް ވަނީ ލޮކްޑައުންގަ އެވެ.
މިއަދު އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.