ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ސަމާލުނުވެއްޖެނަމަ ހީވެސްނުކުރާ މިންވަރަށް ބަލި ފެތުރިދާނެ"

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަމެއް ނުދީފިނަމަ ހީވެސް ނުކުރާހާ މިންވަރަށް ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ދީފި އެވެ.

މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑަށް މީހަކު ޕޮޒިޓިވްވެފައިވަނީ އިއްޔެ އެވެ. އޭގެ ފަހުން ރޭ އިތުރު ދެ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެކަމާއި ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި މާލެ 48 ގަޑިއިރަށް ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ސަމާލުކަމެއް ނުދީ ބައެއް މީހުން މިއަދު ގެންދަނީ ބޭރުތެރޭގައި އުޅެމުންނެވެ.

އެންއައިއޯސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްްދަލްވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ކޮންމެ ފިޔަވަޅަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހިގެން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ކަމުން ދަތިވީނަމަވެސް ކެތްތެރިކަމާއެކު އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުމާއެކުގައި ކަމަށެވެ.

"...މިވަގުތު އަޅުގަނޑުމެން މިދޭ އިރުޝާދުތަކަށް ތިޔަ ބޭފުޅުން އަމަލުކުރައްވާނަމަ އަޅުގަނޑުމެންނަށް މިކަން ކޮންޓްރޯލް ކުރެވޭނީ. އެހެން ނޫނަމަ އަޅުގަނޑުމެން ހީވެސް ނުކުރާހާ މިންވަރަށް މިކަންތައްތައް ފެތުރިދާނެ."

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭހެއް އަދި އިންޖެކްޝަނެއްވެސް މިހާތަނަށް އުފެއްދިފައިނެތްއިރު އެކަމަށް މިވަގުތަށް އޮތް ހަމައެކަނި ފަރުވާއަކީ ސާފުތާހިރުކަމަށް އިސްކަންދީ، ގޭގައި މަޑުކުރުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑްގެ ހާލަތު ބަދަލުވެފައިވާ ކަމަށާ ކުރިން އެއީ މާލެއިން ފެނިފައިވާ ބައްޔެއް ނޫންނަމަވެސް މިއަދު އެކަން ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި މާލޭގައި އޮތް ބައްޔެއް ކަމަށް ބަލައިގެން އަތޮޅުތެރޭގެ ރައްޔިތުން ނުތިއްބެވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިވަގުތު އަޅުގަނޑުމެން މިދޭ އިރުޝާދުތަކަށް ތިޔަ ބޭފުޅުން އަމަލުކުރައްވާނަމަ އަޅުގަނޑުމެންނަށް މިކަން ކޮންޓްރޯލް ކުރެވޭނީ. އެހެން ނޫނަމަ އަޅުގަނޑުމެން ހީވެސް ނުކުރާހާ މިންވަރަށް މިކަންތައްތައް ފެތުރިދާނެ
ޑރ. އިބްރާހިމް އަފްޒަލް

ޑރ، އަފްޒަލް ވިދާޅުވީ ގައިދުރުކުރުމާއި، ސާފުތާހިރު ކަމަށް އަތޮޅުތެރޭގައި ތިއްބެވި ރައްޔިތުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކުން ލޮކްޑައުން ނެގި ނަމަވެސް މިހާރު ދިރިއުޅުމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި، މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކާ ކޮންޓެކްޓުވި މީހުންގެ އަދަދު މިހާރުވެސް ވަނީ ހީކުރި ވަރަށް ވުރެ މާގިނަވެފައި ކަމަށެވެ.

"އެންމެ ކޭހަކުން 207 ކޮނެޓެކްޓެއް. އޭގެ މާނައަކީ ދުވާލަކު 34 މީހަކާ ބައްދަލުވެފައިވާކަން. ދެން ވިސްނަވާ ކިހާ މިންވަރަކަށް ގައިދުރުކުރުމުގެ އިރުޝާދުތަކަށް ތަބާވެފައިވާ ނުވާކަން،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ތިބި ހއ. ވަށަފަރާއި ކ. ކާށިދޫ އަދި ތ. މަޑިފުށިން ތިން ގެއެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލެއާ ހުޅުމާލެއިންވެސް ގެތަކެއް ވަނީ ލޮކްޑައުން ކޮށްފައެވެ.