ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރަން ނިންމި ފަހުން ނުފޫޒުގަދަ ބައެއް އާއިލާތަކަށް ނިސްބަތްވާ ބޭފުޅުން ކަރަންޓީނަށް ނުގެންގޮސް، މާލެއަށް އެރުމުގެ ފުރުސަތު ދީފައިވާ ކަމަށް ބުނެ ބައެއް އާންމުން ކުރަމުންދާ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައްދު ދެއްވައިފި އެވެ.
އަލީ ޒާހިރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން "މާލޭގެ ބޮޑުންނާއި، ސަރުކާރުގެ މަތީ ބޭފުޅުންގެ އާއިލާތައް މާލެ ތެރެއަށް ދޫކޮށްލާފައިވާ" ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ސަތޭކަ ޕަސެންޓް ދޮގު ވާހަކަތަކެއް ކަމަށެވެ.
"..އެންމެ މީހެއްގެ މައުލޫމާތުވެސް ދެއްވާ. ހަމަ ޔަގީން އެންމެ މީހެއްގެ މައުލޫމާތުވެސް ނުދެވޭނެކަން." ތުހުމަތުތައް ކުރާ ފަރާތްތަކަށް ރައްދު ދެއްވަމުން އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރުގެ މި ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އޭނާއަށް ރައްދުދީ އެކި މީސްމީހުންގެ ނަންތައް ހިއްސާކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފަހުން އޭނާ ވާހަކައެއް ނުދައްކައެވެ.
ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުގައި ވަކި މީހަކަށް ތަފާތެއް ނުކުރާ ކަމަށާ ހަމަޖެހިފައިވާ އުސޫލުން ކަރަންޓީންކޮށް އައިސޮލޭޓް ކުރަންޖެހޭ މީހުން އެއްވެސް އިސްތިސްނާއެއް ނެތި ކުރަމުން ގެންދާ ކަމަށް ސަރުކާރުން ކުުރިންވެސް ވަނީ ބުނެފައެވެ.
މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުގައި ވަކި މީހަކަށް ތަފާތެއް ނުކުރާ ކަމަށެވެ. އަދި ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަން ސަރުކާރުން ނިންމި ފަހުން އެއްވެސް މީހަކާމެދު އެހެން ގޮތަކަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އޭރުވެސް ކަރަންޓީން ފެސިލިޓީތަކުގައި ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުންނާއި އެފަދަ ފަރާތްތަކުގެ އާއިލީ ބޭފުޅުން އަދި ކެބިނެޓް މިނިސްޓަރުންގެ އާއިލީ މެންބަރުން ވެސް ތިބި ކަމަށް މަބުރޫކް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން، މިހާރުވެސް ކަރަންޓީން ފެސިލިޓީތަކުގައި އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި އެ ބޭފުޅުން އެ ވިދާޅުވާ އެކި ފަންތިތަކުގެ ބޭފުުޅުންނާއި، އެ ބޭފުޅުންގެ ދަރިންނާ، ކެނބިނެޓް މިސްޓަރުންގެ އާއިލާތައް ވެސް އެބަ ތިއްބެވި. މިކަމުގައި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ނާޅާނެ ފިޔަވަޅެއް ނެތް. އަދި ވަކި މީހަކަށްވީތީވެ އިސްތިސްނާއެއް ނޯވޭ." މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވިއެވެ.