ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުންއޮތަސް މަހަށް ފުރުމުގެ ހުއްދަ ދީފި

Apr 17, 2020

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މަހަށް ފުރަން ހުއްދަ ދީފައިވީ ނަމަވެސް، މި ހާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ފައިބައިގެން ނުވާނެ ކަމަށެވެ. އަދި މަސް ދަތުރު ނިންމުމަށްފަހު އެ އުޅަނދެއް ނިސްބަތްވާ ރަށަށް ދަތުރުކުރުން ލާޒިމުވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން އެޗްޕީއޭ އަދި ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްސީލު ފޯރުކޮށްދެއްވާނެ. އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް،" އެ ޓްވީޓުގައި ބުނެފައިވެ އެވެ.

މާލެއިން ކޮވިޑް-19 ފެނުމާއެކު މާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ރަށްރަށުގައި ވެސް ތިބުމުން، މިއަދު އިރުއޮއްސި 6:00 ގެ ފަހުން އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރުން މަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މާލެއިން މިހާތަނަށް ހަ މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ތިންވަނައަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އިއްޔެ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއިން ޕޮޒިޓިވްވެފައިވާ ފުރަތަމަ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.