ލޯބި މަރުވެއްޖެ އެވެ. ލޯތްބަކީ މިހާރު ނެތް އެއްޗެކެވެ. – ލޯބީގެ އަސަރުގަދަ ވާހަކަތައް ގެނެސްދޭ އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ނިކޮލަސް ސްޕާކްސްގެ ފޭނުން މިހާރު ބުނަނީ މިހެންނެވެ.
"ދަ ނޯޓްބުކް" އާއި "އަ ވޯކް ޓް ރިމެމްބާ" ފަދަ ވާހަކަތަކުން އެތައް ހާސް ބަޔަކު ރޮއްވާލި ލިޔުންތެރިޔާގެ 25 އަހަރުވީ ޒަވާޖީ ހަޔާތް ނިމުމަކަށް އައީ އެވެ. ސްޕާކްސްގެ "ލޯބީގެ ވާހަކަ" އަށް އައި މި ޓްވިސްޓާ އެކު އޭނާގެ ފޭނުން ޝޮކްޖެހިފައި ވިޔަސް ސްޕާކްސް ބުނަނީ މިއީ ކޮންމެހެން ވެސް އަންނަން ޖެހޭ "ޓްވިސްޓެއް" ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް އަވަސް އަރުވާލައިގެން ވިސްނުމެއް ނެތި ނެގި ފިޔަވަޅެއް ނޫން،" ޕީޕަލް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ސްޕާކްސް ބުނެފައިވެ އެވެ.
އޭނާ 2012 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ގިނަ ވާހަކަތަކުގައި ސިފަކޮށްދީފައިވާ އަންހެން ކެރެކްޓާސްތަކަކީ އޭނާއާ އެކު 25 އަހަރު ހޭދަކުރި، ކެތީ ސްޕާކްސްގެ ގިނަ ސިފަތައް ބޭނުންކޮށްގެން އުފައްދާފައިވާ ކެރެކްޓާސްތައް ކަމަށެވެ.
ކެތީއާ އެކު ސްޕާކްސް އަށް ފަސް ކުދިން ލިބިފައިވެ އެވެ.
އޭނާގެ ވާހަކަތަކުގެ ތެރެއިން 11 ވާހަކައަކަށް މިހާތަނަށް ފިލްމު އުފައްދާފައިވެ އެވެ. ދިވެހިންގެ މެދުގައި އެންމެ މަޝްހޫރީ "އަ ވޯކް ޓް ރިމެމްބާ" އާއި "ދަ ނޯޓްބުކް" އެވެ. ފަހުގެ ފިލްމުތަކަށް ބަލާއިރު "ސޭފް ހެވަން" އާއި "ދަ ލަކީ ވަން" އަދި "ޑިއާ ޖޯން" އަކީ ވެސް ސްޕާކްސްގެ މަޝްހޫރު ވާހަކަތަކުގެ އަސްލަށް އުފައްދާފައިވާ ފިލްމުތަކެވެ.
ސްޕާކްސްގެ އެންމެ ފަހުން ނެރުނު ފޮތަކީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު "ދަ ލޯންގެސްޓް ރައިޑް" އެވެ. މި ވާހަކައިގެ އަސްލަށް އުފައްދާފައިވާ ފިލްމު މި އަހަރުގެ އެޕްރީލް މަހު ޕްރިމިއާކުރާނެ އެވެ.