މާލެ ލޮކްޑައުން ކޮށްފައިވާތީ ރަށްރަށުން މާލެ އަންނަ މީހުންނަށް މާލެ ނޭރޭނެ ކަމަށާ ހުއްދަ ނުހޯދާ ދަތުރު ނުފެށުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
މާލޭ ސިޓީ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް މިއަދު ވަނީ އިތުުރުކޮށްފައެވެ. ލޮކްޑައުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް އަންހެނެއް ފެނިގެންނެވެ. އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އެ އަންހެން މީހާ ކޮންޓެކްޓްވި އިތުރު ދެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެތަނުން އެކަކާ ކޮންޓެކްޓްވި ހަތަރު މީހަކު މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ މި ހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު، ހުޅުމާލެ، ވިލިމާާލެ، ތިލަފުށި ހިމެނޭހެން މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރު ކުރުން މަނާވާނެ ކަމަށެވެ. މި ހާލަތުގައި ބޭރަށް ނުކުމެ އުޅެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އަދި މާލެއަށް މީހުން އަރާ ފޭބުމާއި، މާލެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.
އެސިސްޓެންސް ކޮމިޝަނަރު އަހުމަދު ފައިރޫޝް ވިދާޅުވީ މާލެ ލޮކްޑައުން ކޮށްފައިވާތީ ރަށްރަށުން މާލެ އަންނަ މީހުންނަށް މާލެ ނޭރޭނެ ކަމަށެވެ.
"..މާލެ އޮތީ ލޮކްޑައުން އެއްގައި. އެހެންވެ ރަށްރަށުން މާލެއަށް މީހުން އަޔަސް ނުފޭބޭނެ. ހާއްސަ ހާލަތެއްނަމަ ކުރިއާލާ އެންއޯއީސީގެ ހުއްދަ ހޯއްދަވައިގެން ދަތުރު ފައްޓަވާ. ތަކުލީފްތަކެއް ތަހައްމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ." އޭސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ރޭ ނެރުނު އެންގުމެއްގައި ވަނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާކޮށްފައެވެ. މި އެންގުމަށް އަމަލު ކުރަން ފަށާނީ މިއަދު އިރޮއޮއްސި ހަޔަކުން ފެށިގެންނެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
އެންގުމުގައި އިތުރަށް ވަނީ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފަ އެވެ. އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅުން މާލެއާ އެއްގޮތަށް މަނަލެއް ނުކުރެ އެވެ.