ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުކުރު ހުތުބާ ސްޓޫޑިއޯ ގެންނަ ގޮތަށް ހަމަޖައްސައިފި އެވެ.
އެގޮތުން މިއަދުގެ ހުކުރު ހުތުބާ ގެނެސްދީފައިވަނީ ސްޓޫޑިއޯއިންނެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ހުކުރު ހުތުބާ ގެނެސްދިން ފުރަތަމަ ފަހަރެވެ. މިއަދު ހުތުބާ ވިދާޅުވެ ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަދި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް މާލެ ކައިރި ރަށްރަށުން ކޮންމެ ހުކުރު ދުވަހު ޓީވީ ޗެނަލްތައް މެދުވެރިކޮށް ހުކުރު ނަމާދު ދަނީ ގެނެސްދެމުންނެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ހުކުރު ހުތުބާ ސްޓޫޑިއޯ ގެންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮވިޑް19 ގެ ބަލި މީހުން މާލެތެރެއިން ފެނަން ފެށުމާއި ގުޅިގެން މުޅި މާލެ ވަނީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައެވެ. އަދި މުޅީ ރާއްޖެ ހިމެނޭހެން ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.