މިހާރު މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ ތެރެއިން، ގިނަ މީހުން ދުވާލެއްގެ މައްޗަށް 40 އެއްހާ މީހުންނާ ބައްދަލުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.
މިއަދު ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓު ޓްރޭސިންގް މަސައްކަތުގެ ތެރެއިން އެމީހުނާ ބައްދަލުވެފައިވާ މީހުން އަދަދު ދުނިޔޭގެ ނިސްބަތުން ވެސް ގިނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އެގޮތުން، އެ ތިން ކޭހާ ބައްދަލުވި މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް މިހާރު އަރާފައިވާ ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި، ޑައިރެކްޓު ކޮންޓެކްޓުވި 150 އެއްހާ މީހުން ހިމެނޭކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން، މަބުރޫކު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭން ފެނުނު ކޭސްތަކަށް ބަލާއިރު ފެންނަނީ ވަރަށް ބިރުވެރި މަންޒަރެއް ކަމަށެވެ.
"ރާއްޖޭގަ ފެނުނު ކޭސްތަކަށް ބަލާއިރު، އުނދަގޫ އެންމެ މަންޒަރަކީ އެހެން ގައުމުތަކާ އަޅާކިޔާއިރު، ކޮންޓެކްޓުވާ މީހުންގެ އަދަދު ގިނަކަން. އެހެން ގައުމުތަކުގައި ކޮންޓެކްޓުވާ މީހުންގެ އެވަރެޖަކީ ދުވާލަކު 30. އެކަމަކު ރާއްޖޭގެ ޑެއިލީ އެވަރޭޖު މިފެންނަނީ 40 އަށް ވުރެ މަތީގައި ހުންނަތަން،" މަބުރޫކު ވިދާޅުވި އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި، ސިއްހީ ބޭފުޅުން ތަކުރާރުކޮށް ކުރައްވަމުންދިޔަ އިލްތިމާސްތައް އަޑުނާހައި، ވަރަށް ގިނަ ތަންތަނަށް ގޮސް، އެއްވެ އުޅެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، މިހާރު މާލެ ލޮކްޑައުންކޮށްފައިވާއިރުވެސް، އަދިވެސް މީހުން މަގުތަކަށް ނުކުމެ އުޅެމުންދާ ކަމަށެވެ.
"މާސްކު އަޅައިގެން ނުކުތީމަ ސަލާމަތެއް ނުވޭ އެނގޭތޯ. ހިތާމަވެރިކަމެއް މިއީ. ޕޮޒިޓިވްވި ކޭސްތަކުން މި ފެންނަނީ މި ބަލި ފެތުރުން ކުޑަކުރެވުނީސްކަން. ގައިދުރުކުރެވުނަމަ އެހާ ގިނަ މީހުންނާ ބައްދަލެއް ނުވީސްކަން،" މަބުރޫކު ވިދާޅުވި އެވެ.
ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެއީ ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. މިއަދު ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. ނަމަވެސް މިއިން އެއްވެސް މީހަކާ ގުޅުމެއް ނެތީ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އެ ދެ މީހުން ޓެސްޓު ކުރެވުނީ ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދިޔުމުން ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުގައި، ކުރިން ޕޮޒިޓިވްވި ކޭސްތަކާ އެ ދެމީހުނާ ގުޅުމެއް ނުވާ ކަމަށެވެ.
އެހެންކަމުން، މުޖުތަމައުގެ ތެރެއަށް ކޮވިޑް-19 މިހާރު ފެތުރިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމީހުން ބަލި ޖެހުނު ގޮތް ވެސް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތިން ކްލަސްޓާއެއް އެބަ އޮތް ކަމަށެވެ. މި ނުރައްކާތެރި ހާލަތެއް ކަމަށެވެ.
އެކަމާ ގުޅިގެން، މުޅި މާލެ ސަރަހައްދު ވަނީ ކުރިއަށްއޮތް 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައިވެސް އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.