ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
އެންއައިއޯސީން މިހާރު ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ އެންމެވެސް ތިބީ ފަރުކޮޅުފުށި އައިސޮލޭޝަން ސެންޓަރުގައި ކަމަށެވެ.
އެ މީހުންނަށް ފަރުވާ ދެމުންދާއިރު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 28 މީހުންނެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 8 މީހުން ހިމެނެއެވެ. މާލެއިން ފުރަތަމަ މި ބަލީގެ މީހަކު ފެނިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އެންމެ ފުރަތަމަ މާލެއިން ބައްޔަށް ޕޮޒިޓްވީ ދެ މައިންނެވެ. އެ ދެ މައިންނަށް ފަރުވާ ދެމުންދަނީ އެކީގައެވެ. އެއީ ދެ އަހަރުގެ ކުއްޖެއް ކަމަށް އެނގިފައިވެއެވެ. އެ އަންހެން މީހާގެ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތެވެ. ތިންވަނައަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އޭގެ ފަހުން ތިންވަނަ މީހާއާ ކޮންޓެކްޓްވި ދެ މީހަކު ރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އަދި މިއަދު އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.
މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް ދަމާލަން ނިންމާފަ އެވެ. އަދި މުޅި ރާއްޖެއަށްވެސް މިއަދު ހަވީރު ހަޔަކުން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.