ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

14 ދުވަހުން ޕީކަށް ދާނެ ކަމަށް ބެލެވޭ: ނަޒްލާ

ފުރަތަމަ ކޭސް އުޅޭތާ 14 ދުވަހުގެ ތެރޭގައި ރާއްޖެ "ޕީކަށް" ދާނެ ކަމަށް ރާއްޖޭގައި ހެދި މޮޑިއުލްއިން ދައްކާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ދަރުބާރުގޭގައި ބޭއްވި ބައްދަލްވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލާ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި މާލެއިން ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމުން އެ ކޭސްތައް ހިމަނައިގެން އެ ދިރާސާ އަލުން ކޮށްފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ ރާއްޖޭގައި ހެދި މޮޑެލިން ދައްކާގޮތް ފުރަތަމަ ކޭސްއެއް އުޅޭތާ 14 ދުވަހުގެ ތެރޭގައި "ޕީކަށް" ދާނެ ކަމަށް ބެލެވޭ ކަމަށާ އެހެން ކަމުން ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި ބުރަ މަސައްކަތްތަކެއް ކޮށްގެން ނޫނީ އާންމު ހާލަތަށް ނާދެވޭނެ ކަމަށް ވިދާޅުވިއެވެ.


"..އަޅުގަނޑުމެން ރާއްޖޭގައި ހެދި މޮޑެލިން، ކޮމިއުނިޓީ ކޭސްތައް ފެނުމާއެކުވެސް އެ ކޭސްތައް ލައިގެންވެސް އަލުން ވަނީ ތައްޔާރުކޮށްފައި. އޭގައި މި ދައްކާ ގޮތުން ފުރަތަމަ ކޭސްއެއް އުޅޭތާ ގާތްގަނޑަކަށް 14 ދުވަސް ފަހުން 'ޕީކަށް' ދާނެ ކަމަށް ބެލެވޭ. އެހެންވީމަ ކުރިއަށް އޮތީ އަޅުގަނޑުމެން ވަރަށް ސަމާލުވެގެން، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްވަރެއް. ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުންވެސް އަވަހަށް އަޅުގަނޑުމެންނަށް މައުލޫމާތު ދިނުމާއި، އަޅުގަނޑުމެންވެސް އެ ބޭފުޅުން ޓެސްޓް ކުރަމުން ގެންދިއުން."

އަޅުގަނޑުމެން ރާއްޖޭގައި ހެދި މޮޑެލިން، ކޮމިއުނިޓީ ކޭސްތައް ފެނުމާއެކުވެސް އެ ކޭސްތައް ލައިގެންވެސް އަލުން ވަނީ ތައްޔާރުކޮށްފައި. އޭގައި މި ދައްކާ ގޮތުން ފުރަތަމަ ކޭސްއެއް އުޅޭތާ ގާތްގަނޑަކަށް 14 ދުވަސް ފަހުން 'ޕީކަށް' ދާނެ ކަމަށް ބެލެވޭ. އެހެންވީމަ ކުރިއަށް އޮތީ އަޅުގަނޑުމެން ވަރަށް ސަމާލުވެގެން، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްވަރެއް
ޑރ. ނަޒްލާ ރަފީގް | އެޗްޕީއޭގެ މެޑިކަލް އޮފިސަރު

ނަޒްލާ ވިދާޅުވީ މިހާތަނަށް މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ފަހުން ފެނުނު ދެ ކޭސްއަކީ ކުރިން ޕޮޒިޓިވްވި ކޭސްތަކާ އެއްވެސް ގުޅުމެއް އޮތް ދެ ކޭސްއެއް ނޫން ކަމަށެވެ. އެހެން ކަމުން ބަލި ފެތުރޭ ގޮތް ބެލުމަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

"..މިއަދު އަޅުގަނޑުމެންނަށް މި ފެނުނު ވަކި ދެ ކޭސް، އެއީ މުޅިން ހަމަ، އެއްވެސް ގުޅުމެއް އެހެން ކޭސްއަކާ ގުޅުމެއް އަޅުގަނޑުމެންނަށް ނުފެންނަ ދެ ކޭސް. މީގެ މާނައަކީ އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރޭގައި ބަލި އުޅޭކަން. ކޮމިނިއުޓީ ސްޕްރެޑެއް އޮތްކަން. އެއީ ނުރައްކަލަކީ." ނަޒްލް ވިދާޅުވިއެވެ.