މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްްމަދު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
އަވަސް އާ ވާހަކަދައްކަމުން ނިއުމާ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި 21 ވަނަ މީހާއާ ޑައިރެެކްޓް ކޮންޓެކްވެފައިވާތީ އެޗްޕީއޭއަށް އެކަން އޭނާ އެންގި ކަމަށެވެ. އަދި އެޗްޕީއޭގެ ޓީމް އޭނާ ދިރިއުޅޭ ގެއަށް އައިސް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ނަތީޖާވީ ނެގެޓިވްއެވެ.
ނިއުމާގެ ސާމްޕަލް ނަގަން އެޗްޕީއޭގެ ޓީމް ހަރަކާތްތެރިވަނިކޮށް ނަގާފައިވާ ފޮޓޯއެއް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އެ ފޮޓޯއާއެކު ހަގީގަތެއްނެތް އެތައް ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. އެގޮތުން ނިއުމާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.
ނިއުމާ ބުނީ އެކަން ކުރަނީ ކޮންމެ ބަޔަކު ނަމަވެސް އެކަމުގެ ސަބަބުން އޭނާއާ އާއިލާއަށް އަދި ހެޔޮ އެދޭ އެތައް ބަޔަކަށް އެ ދެވެނީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތަކެއް ފެތުރުމުން އާއިލާގެ ތެރޭގައިވެސް އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ނިއުމާ ވަނީ އިތުރު ކަމެއްވެސް ފާހަގަކޮށްފައެވެ. އެއީ ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްވާ މީހުން އެކަން ރިޕޯޓްކުރަން މިފަދަ ކަންކަމުގެ ސަަބަބުން ފަސް ޖެހުމެވެ.
"..އެއީ ކިހާ ބޮޑު ކަންބޮޑުވުމެއްތޯ. މިގޮތަށް ޓެސްޓްކުރާ މީހުންގެ ވާހަކަތައް އާންމުވެ، ހަގީގަތެއް ނެތް ދޮގު ވާހަކަތައް މިގޮތަށް ފަތުރާނަމަ ކަމާބެހޭ ފަރާތްތަކަށް ކަންކަން ރިޕޯޓްކުރަން ފަސްޖެހޭނެ."
ނިއުމާ ބުނީ އޭނާގެ އުންމީދަކީ ހުރިހާ އެންމެންނަށްވެސް ހެޔޮ ވިސްނުން ލިބުން ކަމަށެވެ. އަދި މިފަދަ ހައްސާސް ވަގުތެއްގައި ދޮގު ވާހަކަތައް ނުފަތުރާ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެންވެސް ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ނިއުމާ ގޮވާލާފައިވެއެވެ.