ދުނިޔެ

ޗައިނާ ސަރުކާރުގެ ވިޔަފާރިތަށް ވަރުގަދަ ކުރަނީ

Sep 14, 2015

ޗައިނާގައި ސަރުކާރުގެ ހިއްސާ ވިޔަފާރިތަކުގައި އޮތީ ހައްދުން ނެއްޓިފައި ކަމަށާއި ހަމަ ޖެހޭ އުސޫލަކަށް ފައްތަން ޖެހިފައިވާ ކަމަށް ފާޑުކިޔާ ފަރާތްތައް ދެކެއެވެ. އެހެން ކަމުން އިއްޔެ އާންމު ކުރި ވިޔަފާރި ރިފޯމް އެޖެންޑާ އަކީ ވަރަށް ގިނަ ފަރާތްތަކުން އިންތިޒާރު ކުރަމުންދިޔަ އެޖެންޑާއެކެވެ.

މި އެޖެންޑާގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގައި އާންމުންގެ ހިއްސާ ހިމެނޭ ގޮތަށް ބަދަލުތައް ގެނައުން ހިމެނެއެވެ. ޗައިނާ އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މިއީ މުހިންމު ބަދަލެއް ކަމަށް އިގްތިސޯދީ މާހިރުން ދެކެއެވެ. މީގެ އިތުރުން ގެއްލިމުގައި ހިންގާ ވިޔަފަރިތައް ބަންދުކޮށް އެތަންތަނުގެ މުދާތައް ނީލަން ކިޔާނެ ކަމަށް ވެސް ސަރުކާރުން ވަނީ އިއުލާނު ކޮއްފައެވެ.

ސަރުކާރު ވިޔަފާރިތަކަށް ގެންނާނެ ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލު ވުމުގައި އެގައުމުގެ ކަމާބެހޭ ފަސް އިދާރާއަކުން އެ އިދާރާއެއްގެ ރިފޯމް އެޖެންޑާ ހުށަހެޅިއެވެ. ވަކި ވަކިން މި އިދާރާތަކުން އެބަޔަކަށް ފެންނަ އުސޫލުތައް ކަނޑައަޅާފައި ވާއިރު، މި އުސޫލުތަކުގައި ފުށުއެރުން ހުރެދާނެތީ، މި ރިފޯމް އެގެންޑާ ތަންފީޒުކުރުމުގައި ދަތި ވެދާނެ ކަމަށް ބައެއް އެނަލިސްޓުން ފާހަގަ ކުރެއެވެ.

ޗައިނާ ސަރުކާރުން ބުނަނީ މި ބޮޑު ބަދަލުގެ ސަބަބުން ސަރުކާރުގެ ވިޔަފާރިތައް ވަރުގަދަވެ، ހަރުދަނާވެ، ފުޅާވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް ވަރަށް ޒަމާނު އަމަލުކޮއްފައިވާ އުސޫލުތައް ބަދަލުކޮށް ރިފޯމް އެޖެންޑާ ތަންފީޒު ކުރުމަކީ ހުރަސްތައް ގިނަ، ބޮޑު މަސައްކަތެއް ކަމަށްވެސް ޗައިނާ ސަރުކާރުން ބުނެއެވެ.