ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ހެނދުނު ހިނގަން ނުކުންނަ މީހުންނަށް ޔޯގާ އަދަބު

އިންޑިޔާ ލޮކްޑައުން ކޮށްފައި ވިޔަސް ފަތިސް ގަޑީގައި ހިނގަން ނުކުންނަން އާދަވެފައި ތިބި ބައެއް މީހުންނަށް ގޭގައި މަޑުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެންވެ އެ ގައުމުގެ ޕޫނާގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް މަދު ބަޔަކު ނަމަވެސް އަދިވެސް ހެނދުނު ގަޑީގައި މަގުމައްޗަށް ހިނގަން ނުކުމެ އެވެ.

އެހެންވެ ޕޫނާ ފުލުހުން ވަނީ އެގޮތަށް ހިނގަން ނުކުމެ އުޅޭ މީހުންނަށް ވަރަށް ސިއްހަތަށް ފައިދާހުރި އަދަބެއް ދޭން ފަށާފަ އެވެ. އެގޮތުން ހިނގަން ނުކުމެ އުޅޭ އެންމެން ދުރުދުރުގައި އަތުރާފައި ޔޯގާ އާއި ކަސްރަތު ކުރުވާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހިނގަން ނުކުމެ އުޅުނު 25 ނުވަތަ 30 ވަރަކަށް މީހުންނާއި އަދި އިތުރު ބަޔަކާ އެކު ގާތްގަނޑަކަށް 100 ވަރަކަށް މީހުން ލައްވާ ޕޫނާގެ ކޮންދުވާ ޕޮލިސް ސްޓޭޝަންގެ މީހުން ވަނީ ޔޯގާ އާއި ކަސްރަތު ކުރުވާފަ ކަމަށް އޮފިޝަލަކު ވަނީ ބުނެފަ އެވެ.

އެ ޕޮލިސް ސްޓޭޝަނުން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި ހެނދުނު ހިނގަން ނުކުތް މީހުންގެ އިތުރުން ފިހާރަތަކަށް ތަކެތި ގަތުމަށާއި ކަންތަކު ނުކުމެ އުޅުނު ގިނަ ބަޔަކު ވަނީ ހިފަހައްޓުވައި ކަސްރަތާއި ޔޯގާގެ އަދަބު ދީފަ އެވެ.

ލޮކްޑައުން އާ ޚިލާފުވި މީހުން ދުރުދުރުގައި ސަފަކަށް ބައިތިއްބާފައި އެ މީހުން ލައްވާ ޔޯގާ އާއި ކަސްރަތު ކުރުވި ކަމަށް އޮފިޝަލް ބުންޏެވެ.
މިވަރަކުން އަދި މި މީހުންގެ އަދަބު ފުރިހަމަ ވީކީ ނޫނެވެ. ހެނދުނު ހިނގަން ނުކުމެ އުޅުނު މީހުންނާއި އެނޫންވެސް ކަންކަމު ބޭރު ތެރޭގައި އުޅުނު މީހުންގެ މައްސަލަތައް ރެޖިސްޓާކޮށް އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޮފިޝަލު ބުނެފައި ވެއެވެ. އަދި އިންޑިޔާގެ ގާނޫނުތަކަށް ބޯނުލަނބާ ކޮންމެ މީހަކަށް ވެސް ދޭން ކަނޑައަޅާފައިވާ އަދަބުތައް އެމީހުންނަށް ވެސް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕޫނާގެ ކޮންދުވާ އޭރިޔާ އަކީ ކޮވިޑް-19 ހުރި ބަލި މީހުން ގިނަ އަދަދަކަށް މިހާރު ފެންނަމުންދާ އޭރިއާ އެކެވެ. އެހެންވެ އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އަންގާފައިވަނީ ހެނދުނު 10.00 އާއި 12.00 އާ ދެމެދު ވިޔަފާރިކޮށް ނިންމައި ގެޔަށް ވަނުމަށެވެ. އެނޫން ގަޑިގަޑީގައި އެއްޗެތި ގަންނަން ވެސް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

ކޮންދްވާ އޭރިޔާ ނޫނަސް ސުވަރުގާޓޭ އޭރިޔާގެ ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހެނދުނު ހިނގަން ނުކުމެ އުޅުނު 70 ވަރަކަށް މީހުން ހިފަހައްޓުވާ އެ މީހުން ލައްވާ ޔޯގާ ހައްދުވާފަ އެވެ.