ދެ ހަފާުތާގެ މަޝްވަރާތަކަށް ފަހު، ކުޅުންތެރިންގެ މުސާރަތައް ދަށް ކުރަން ސީނިއާ ޓީމުގެ އާސެނަލްގެ ކުޅުންތެރިން އެއްބަސް ވެއްޖެ އެވެ.
އާސެނަލްއިން ވަނީ، މުސާރަ ދަށް ކުރުމަށް އެކި ފަހަރުމަތިން ކުޅުންތެރިންނަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް މީގެ ކުރިން ކުޅުންތެރިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އާސެނަލްގެ ޗެއާމަންގެ ދަރިފުޅު އަދި ކުލަބުގެ ޑައިރެކްޓާ ޖޯޝް ކުރަންކީ މީގެ ހަފުތާއެއް ކުރިން ވަނީ ކުޅުންތެރިންނާއެކު ކޮންފަރެންސް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވެފައި ވަނީ، މުސާރަތައް ހަމައަށް ބެހެއްޓޭނީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ލިބިގެން ކަމަށެވެ.
ދަ ގާޑިއަން ނޫހުން ބުނެފައި ވަނީ، މުސާރައިގެ 12.5 ޕަސަންޓް ދަށް ކުރުމަށް، ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ސީނިއާ ޓީމުގެ ކުޅުންތެރިން އެއްބަސް ވާނެ ކަމަށެވެ. ކުޅުންތެރިން އެއްބަސް ވަނީ އަންނަ ސީޒަންގައި މުސާރަ ދަށް ކުރުމަށެވެ. އަދި އެކަން ދެމި އޮންނާނީ 12 މަހަށެވެ.
ކޮވިޑް-19 އިން ދާދި ފަހުން ރަނގަޅުވީ، އާސެންލަގެ ކޯޗް މިކަލް އާޓެޓާ ވަނީ މިދިޔަ ބުދަ ދުވަހު ކުޅުންތެރިންނާއެކު ވީޑީއޯ ކޮންފަރެންސް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ. ކުޅުންތެރިން މުސާރަ ދަށް ކުރުމަށް އެއްބަސްވީ، އާޓެޓާ އިސްނަގައގެން ބޭއްވި ބައްދަލުވުމުގަ އެވެ.
ކޮވިޑް-19 ގެ ސަބަބުން، ކުލަބުތަކަށް ވަނީ މާލީ ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެފަ އެވެ. އެ ހާލަތުން އަރައި ގަތުމަށް އިނގިރޭސި ބައެއް ކުލަބުތަކުން ވަނީ ނޯން ސްޕޯޓިން މުވައްޒަފުންގެ މުސާރަ ދަށް ކޮށްފަ އެވެ.